ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"އީޔޫ ސަޕޯޓް ފޯ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް"ގެ ދަށުން އީޔޫ އިން ދޒެ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިއަދުއެވެ. އީޔޫއިން ވަނީ ރާއްޖެ އަށް ދެ މިލިއަން ޔޫރޯ ގެ ހިލޭ އެހީ ދޭން ނިންމައިފައެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލީ 1.4 މިލިއަން ޔޫރޯއަށް އެދުމުގެ ފުރުސަތެވެ.

Ad
rt

މިއީ ކޯވިޑް-19ގެ ސަބަބުުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ދޭ ހިލޭ އެހީއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި އެހީ ލިބޭނީ ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ތަންނަތަނަށެވެ. ޝަރުތު ހަމަވާ ކޮންމެ ވިޔަފާރިއަކަށް ކޮންމެ އެނދަކަށް 2،453.76ރ. ގެ ނިސްބަތުން އެހީ ދޭނެއެވެ.

އެހީއަށް އެދޭ ވިޔަފާރިތަކުގެ ޝަރުތުތައް
- ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ ފަރުދެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕް ވިޔަފާރިއަކަށް ވުން.

- ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލަައިސަންސް، ޑިސެމްބަރު 2019 އަދި ޖެނުއަރީ، ފެބްރުއަރީ 2020ގައި ލިބިފައިވުން.

- އެނދުގެ އަދަދު 40 އަށް ވުރެ އިތުރު ނުވުން.

މި އެހީއަށް އެދި ހުށަހަޅާއިރު، ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލައިސަންސާއި ފާއިތުވި އެއް މަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެއެވެ. އެހީއަށް އެދި ހުށަހަޅާނީ https://eusupport.mfmc.mv/ ޕޯޓަލް މެދުވެރިކޮށެވެ.

އީޔޫގެ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ މޭ 31، 2022 ގެ މެންދުރު 14:00އެވެ.