ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް ނިންމާލީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ނެރު ފުންކުރުމާއި، 130 މީޓަރު ބޭރުތޮށިލުމާއި، 214 މީޓަރު އެއްގަމު ތޮށިލުމާއި 317 މީޓަރުގެ ރިވެޓްްމެންޓް ޖެހުމާއި، ބަނދަރު ސަރަހައްދުގައި 908 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެއެވެ.
މީގެއިތުރުން ބަނދަރާއި ރަށާ ގުޅާލުމަށް 812 އަކަމީޓަރުގެ ވޯކްވޭ ބްރިޖެއް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި ސެޓްލްމެންޓް ޓޭންކް ހެދުމުގެ މަސައްކަތް ވެސް ވަނީ ނިންމާލާފައެވެ.
އެ މަޝްރޫއު ހިންގުމަށް އެމްޓީސީސީން ފެހެންދޫގައި ހޭދުކުރި މުއްދަތުގައި އެރަށަށް ބޭނުންވެފައިވާ ގިނަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެރަށު ދޯނި އެހެލާ ސަރަހައްދު ފުންކޮށްފިނުމާއި، ވިއްސާރަވެ، ފެންހެދޭ ސަރަހައްދުތަކަށް ވެލިއަޅައި އެއްވަރުކޮށްދިނުމާއި ފެހެންދޫ ރައްޔިތުން މޫދަށް އެރޭ ސަރަހައްދު ވެލިއަޅައި ސްލޯޕެއް ގާއިމުކޮށްދިނުމާއި، ހިއްކާފައިވާ ސަރަހައްދުގައި ރުށް އިންދުމާއި ކުނި މެނޭޖްކުރާ ސަހަރައްދު ސާފުކޮށްދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެމްޓީސީސީން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 62 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 34 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއުތަކެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ބަނދަރު ހެދުމުގެ 23 މަޝްރޫއެއް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!