ބ. އަތޮޅުގައި ހިންގަމުން އަންނަ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވެފައިވަނީ މޫދުގައި އިމާރާތްކޮށްފައިވާ "ލަގޫން ބާ" ގަ އެވެ. އެރަށުގައި މަސައްކަތް ކުރަމުން އަންނަ މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ލަގޫން ބާ އެކީ އަނދާ ހުލިވެފައިވާ ކަމަށެވެ.
އަލިފާން ނިންވުމަށް އެރިސޯޓުގެ ސެކިއުރިޓީ އާއި ފަޔާ އެންޑް ރެސްކިއު ޓީމް ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އަލިފާން ގަނޑު ކޮންޓްރޯލް ނުވެ އެކީ އަނދާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ އިތުރަށް ބުނީ މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ކަމަށެވެ.
މިހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ. މިކަމާއި ގުޅޭގޮތުން އެރިސޯޓުން ބަހެއް ހޯދާލުމަށް ގުޅާލުމުން ވިދާޅުވީ އެކަމުގައި ރަސްމީ ބަހެއް ދެވޭނީ ރިސޯޓުގެ މެނޭޖްމަންޓަށް ކަމަށެވެ. ނަމަވެސް މިހާދިސާއާއި ގުޅިގެން ކުއްލި މީޓިންއެއް ކުރިއަށްދާތީ އިތުރު މަޢުލޫމާތު ދެވެން ނެތްކަމުގައިި ވިދާޅުވި އެވެ.
އެމްއެންޑިއެފްއިން ވިދާޅުވީ މިހާދިސާއަށް އެޓެންޑްވެފައިވަނީ ފުލުހުން ކަމަށެވެ.
ލަގޫން ބާ އަކީ ސަންސެޓް ބަލާލުމަށް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ތަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!