ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ފޭސް 1 އަދި 2 ގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ވަނީ ޑިސެމްބަރު 8 ވަނަ ދުވަހު ބާތިލްކުރުމަށް ފާސްކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ 12 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ ނިންމުމާިގުޅިގެން، އެޗްޑީސީން ވަނީ އެ މައްސަލަ ބަލައިދިނުމަށް މި މަހުގެ 9 ވަނަ ދުވަހު އެލްޖީއޭއަށް ހުށަހަޅާފައެވެ.
އެލްޖީއޭއިން މި ގޮތަށް ނިންމައިފައިވަނީ މި ހުށަހެޅުމާއި ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ އެލްޖީއޭ ބޯޑުގެ ކުއްލި ބައްދަލުވުމެއްގައެވެ.
އެޗްޑީސީން ހުށައެޅި މައްސަލަ ބެލުމަށްފަހު، އެލްޖީއޭ ބޯޑުގެ މި ބައްދަލުވުމުގައި ނިންމައިފައި ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގެ އިންކުއެރީއެއް ހެދުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމައިފައެވެ.
އެޗްޑީސީން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ. މި މައްސަލައަށް އެ ކޯޓުގެ ޑިސްޕިއުޓް މަރުހަލާގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ޝަރީއަތުން މައްސަލައިގައި ގޮތެއް ނިންމުމަށް އެ މައްސަލަ އިއްޔެ ވަނީ ޝަރީއަތަށް ފޮނުވާފަ އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!