ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކަކުން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

Ad
rt

މި މުބާރާތުގައި ހއ، ހދ އަދި ށ، މި ތިން އަތޮޅުން ޖުމްލަ 24 ރަށަކުން ވަނީ ބައިވެރިވެފައެވެ. މިގޮތުން މި މުބާރާތުގައި ހއ އަތޮޅުން 8 ރަށަކުން ބައިވެރިވެފައިވާއިރު އެ ރަށްތަކަކީ ބާރަށް، ދިއްދޫ، ހޯރަފުށި، އިހަވަންދޫ، ކެލާ، މާރަންދޫ، މުރައިދޫގެ އިތުރުން ވަށަފަރެވެ.

ހދ.އަތޮޅުން ވެސް 8 ރަށަކުން ބައިވެރިވެފައިވާއިރު އެ ރަށްތަކަކީ ފިނޭ، ކުޅުދުއްފުށި، ކުމުންދޫ، މަކުނުދޫ، ނައިވާދޫ، ނެއްލައިދޫ، ނޭކުރެންދޫގެ އިތުރުން ވައިކަރަދޫއެވެ.

ށ އަތޮޅުން ވެސް މި މުބާރާތުގެ 8 ރަށަކުން ބައިވެރިވެފައިވާއިރު އެ ރަށްތަކަކީ ބިލެއްފައި، ފީވަށް، ފޯކައިދޫ، ގޮއިދޫ، ކަނޑިތީމް، ކޮމަންޑޫ، މަރޮށީގެ އިތުރުން މިލަންދޫއެވެ.

މި މުބާރާތުގައި މާލެއާއި ފުވައްމުލަކު ސިޓީގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފުރުޞަތު ދެނީ އެއް ޓީމަށެވެ. ނަމަވެސް މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ޓީމެއް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

މިފަހަރުގެ މުބާރާތް ވެސް ކުރީ އަހަރުގެ މުބާރާތްތައް ކުރިއަށް ގެންދިޔަ އުސޫލުން ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އަތޮޅު ބުރުގެ މެޗުތައް ކުޅުމުގައި ބެލުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅަކުން ޓީމުތައް ބައިވެރިވެފައިވާ ނިސްބަތަށެވެ. އަތޮޅު ބުރުގައި ފަސް ޓީމަށްވުރެ މަދުން ބައިވެރިވެފައިވާ އަތޮޅު ތަކުގައި ކުޅޭނީ ލީގު އުސޫލުންނެވެ. ނަމަވެސް، ހަ ޓީމަށްވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެ އަތޮޅެއްގެ މެޗުތައް ކުޅޭނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދެ ގުރޫޕުގެ އެއް ވަނަވެސް ޒޯން ބުރަށް ދާއިރު، އަތޮޅު ޗެމްޕިއަން ޓީމު ހޮވަން ކުޅޭނީ ފައިނަލް މެޗެކެވެ. އަތޮޅު ބުރަކަށްފަހު ޒޯން ބުރު ނިންމައި ގަދަ 16 ކުޅެ މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މުބާރާތުގައި ވަނީ ޖުމްލަ 91 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ޖުމްލަ 177 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ޓާފް ދަނޑުގައެވެ.