2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭ ތަހުގީގު ރިޕޯޓެއްކަމަށް ބުނެ ފަތުރަނީ ފޭކެއްކަމަށާއި އެކަން ތަހުގީގު ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކާއި އެމައްސަލަތަކުގެ ތަހުގީގު ނިމިފައިވާގޮތުގެ ރިޕޯޓެއްކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން ފުލުހުންވަނީ މިއަދު ނެރުނު ނޫސް ބަޔާނެއް ނެރެފަ އެވެ.

Ad
rt

އެނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގީ ރިޕޯޓެއްކަމަށް ބައެއް ފަރާތްތަކުން އާންމުކޮށްފައިވާ ލިޔުމަކީ މިހިދުމަތުގެ ލިޔުމެއްކަމަށް ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމުގަ އެވެ.

އެގޮތުން ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި ބޭނުންކޮށްފައިވާ ސްޓޭމްޕުގައި ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަންކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ގާނޫނު ނަންބަރު 34/2020 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުންކުރަމުން އަންނަ ނަމެއްކަމަށް ބުނެފައިވެއެވެ.

އަދި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ " މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.

އެހެންކަމުން، މިއީ ރައްޔިތުންގެ ހިތުގައި ދިވެހި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ބޭނުމުގައި ހަދާފައިވާ ލިޔުމެއް ކަމުގައި އެ ހިދުމަތުން ދެކޭކަމަށް ބުނެފައިވެއެވެ.

އެލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއްކަމަށްވާތީ އެ މައްސަލަ އެހިދުމަތުން ތަހުގީގު ކުރާނެ ކަމަށް ދަންނަވާފައިވެއެވެ.