ޚިދުމަތެއް ލިބެމުންދާއިރު ޚިދުމަތް ދޭ ފަރާތުގެ މުހިންމުކަމެއް އިހުސާސެއް ނުކުރެވޭނެއެވެ. ދިވެހިންގެ ސުފުރާމަތީގައި ދިވެހިން ބާނާ މަހުން ކައްކާ ގަރުދިޔާގެ އިތުރުން މަހުން ތައްޔާރުކުރެވޭ ގިނަ ބާވަތްތައް ތިޔާގިކަމާއިއެކު އަބަދުމެ ލިބެންހުންނައިރު، އެ މަސްބާނާ މަސްވެރިން އެކަމުގައި އުފުލާ ތަކުލީފް އެންމެ ފުރިހަމައަށް ދިވެހިންނަށް ވެސް އިހުސާސް ނުކުރެވި އޮތުމަކީ ދުރުކަމެއް ނޫނެވެ.

ނަމަވެސް ދިވެހިންނަށް މަސްވެރިކަމުގެ މުހިންމުކަން ބުނެދިން އެއް ހާލަތެއްގެ މަތިން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުނު ވަގުތަކީ ރާއްޖޭގެ އިޤްތިޞާދުގެ އިންޖީނު ވެސް ހުއްޓުނު ވަގުތެވެ. ބޯޑަރުތައް ބަންދުވެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމާއި ގުޅިގެން އެތައްބައެއްގެ ވަޒީފާތައް ގެއްލި ބިކަވިއެވެ. މީގެ އިތުރުން ވެސް އެހެނިހެން ސިނާއަތްތައް ވެސް އެއްކޮށް ހުއްޓުމަކަށް އައެއްވެ. ރާއްޖޭގެ ކަނޑާއި ގުޅިފައިވާ ތަފާތު މަސްވެރިކަން ފިޔަވައެވެ.

Ad
rt

ވަޒީފާ ގެއްލުނު އެތައް ޒުވާނުންނެއް އެ ދުވަސްތަކުގައި އާއިލާތައް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދީ މަސްވެރިކަމުންނެވެ. ހުއްޓުމެއްނެތި ރާއްޖޭގެ އިޤްތިޞާދުގައި ހިންގުނު ހަމައެކަނި ސިނާއަތަކީ އެއީއެވެ. ވުމާއެކު އެ ދުވަސްވަރު މަސްވެރިކަމުގެ މުހިންމުކަން އިހުސާސްކުރެވި އެ ސިނާއަތާއިމެދު ވަކާލާތުކުރި މީހުންގެ އަދަދު އިންތިހާއަށް އިތުރުވިއެވެ. އެވާހަކަ ސޯޝަލް މީޑިއާގައި ވެސް ފަތުއަޑުކިޔާފައި ފެތުރިގެން ދިޔައެވެ.

މިއަދަކީ ރާއްޖޭގައި ފާހަގަ ކުރެވޭ 41 ވަނަ މަސްވެރިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް، ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު، މި ދުވަސް ފާހަގަކުރަމުން އަންނަތާ ބައި ގަރުނާއި ކައިރިވަމުން އަންނައިރު މިހާ މުހިންމު ސިނާއަތެއްގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދެވިފައި ވަނީ ކިހާ މިންވަރަކަށްތޯ، ވިސްނާ ފިކުރު ކޮށްލުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެކެވެ.

މި ސިނާއަތުގެ އުމުރުން މިހާދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައި ވީ ނަމަވެސް، މި ސިނާއަތުގައި ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަން އެނގިގެންދަނީ މަސްވެރިންގެ ވާހަކަތައް އަޑު އަހާލުމުންނެވެ.

ހދ. މަކުނުދޫގެ މަސްވެރިއެއް ކަމަށްވާ ޝާކިރު މުޙައްމަދު ތިލަދުންއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ، މާޒީން ބުނެދޭ އެންމެ ބޮޑު ހަޤީޤަތަކީ ދިވެހި ދެތިން ކުންފުންޏަކަށް މަސްވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް ދޫކޮށްލައިގެން ތިބެގެން ދުވަހަކު ވެސް މި ދާއިރާއަށް އެކަށީގެންވާ ކުރިއެރުން ލިބިގެން ނުދާނެކަމަށެވެ. ވުމާއެކު މި ސިނާއަތް އިތުރަށް ފުޅާކުރުމަށް ރާއްޖޭގައި ޓްއަރިޒަމް ކުރިއެރުވުމަށް ބޭރުގެ ކުންފުނިތަކަށް އިންވެސްޓް ކުރުމަށް ފުރުޞަތު ދިންފަދައިން ސަރުކާރުން ބާރެއް އަޅައިގެން ނަމަވެސް ބޭރު ކުންފުނިތަކަށް ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅު އިންވެސްޓެއް ކުރުމަށް ފުރުޞަތު ދޭންޖެހޭ ކަމަށެވެ.

ޝާކިރު ފާހަގަ ކޮށްފައިވާ ގޮތުގައި މަކުނުދޫގެ އާބާދީގެ 80 އިންސައްތަ މީހުން އާމްދަނީ ހޯދަން ކުރަމުން އަންނަނީ މަސްވެރިކަމެވެ. ނަމަވެސް ފާއިތުވިތަނުގައި މަސްވެރިކަމުން އެކަށީގެންވާ އަގު ނުލިބުމުގެ ސަބަބުން މިހާރު ކުރިއާ އަޅާބަލާއިރު އެ ރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތައް ވަނީ މަދުވެފައެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް މާލެއަތޮޅު ގާފަރުގައި ފާހަގަކުރަން ސަރުކާރުން ނިންމާފައިވާއިރު، އެ ދުވަހާއި ގުޅުވައިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށްފަހު މަސްވެރިންނަށް އެވޯޑެއް ދިނުމުން މަސްވެރިންގެ ހައްޤު އަދާވީކަމުގައި މިއަދު މަސްވެރިން ނުދެކެއެވެ. އެއީ މަސްވެރިންނަށް ހައްޤުވާ މިންވަރެއް ވެސް ނޫނެވެ.

މަސްވެރިން ބޭނުންވަނީ ބާނާ މަހަށް ހަމަ އަގު ލިބުމެވެ. ބާނާމަސް އެކްސްޕޯޓް ކުރުން މިހާރަށް ވުރެ އިތުރުވެގެން ދިޔުމެވެ. މަސްކިރުމުގައި މިހާރަށްވުރެ ލުއިގޮތްތަކެކެވެ. އަދި އައިސް ލިބުމުގެ ފަސޭހަކަމެވެ. ނަމަވެސް މި ވާހަކަތައް މަސްވެރިން ކެނޑިނޭޅި ދައްކާތާ އެތައްއެތައް އަހަރެއްވީއެވެ. އޮޑިވެރިންގެ ދޯނިތައް ކުރިއަރައިދިޔަ މިންވަރަށް ނުވަތަ އެކަމަށް އެކަށީގެންވާ މިންވަރަށް ބަޔާންކުރެވުނު ކަންކަން ކުރިނޭރުމަކީ މި ދާއިރާއާއިމެދު ސަރުކާރުތަކުން އިހުމާލުވަމުންދާކަމުގެ ހެއްކެއްކަމުގައި މިއަދު މަސްވެރިން ޤަބޫލްކުރެއެވެ.

ކަޅުބިލަ މަހުގެ މަސްވެރިކަމުގެ އިތުރުން ރާއްޖޭގައި ތަފާތު ގިނަ މަސްވެރިކަން ކުރަމުން އާދެއެވެ. އޭގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ފަރުމަހުގެ މަސްވެރިކަމާއި، ފާނައިގެ މަސްވެރިކަންފަދަ މަސްވެރިކަން ހިމެނެއެވެ. މީގެއިތުރުން ވެސް ހުއިފިލަނޑައާއި އިހިވެރިކަންފަދަ އެތައްއެތައް ކަމެއް ވަނީ މި ކަނޑާއި ގުޅިފައެވެ.

ހަޤީޤަތުގައި ކޮންމެ ދުވަހަކީ ވެސް މަސްވެރިންގެ ދުވަހެކެވެ. މޫސުން ރީތި ޗާލު ދުވަހެއް ވިޔަސް ވިއްސާރަވެ ކަނޑު ގަދަ ދުވަހެއް ވިޔަސް އެކަންއޮތީ ހަމަ އެ ގޮތުގައެވެ.