ސިޙްރުވެރިންނާއި ސިޙްރުވެރިންކަމަށް ދަޢްވާކުރާމީހުންގެ 12 ޢަލާމާތް!

sihuruverin

ކޮންމެ ސިޙްރުވެރިޔަކު ނުވަތަ ސިޙްރުވެރިއެއްކަމަށް ދަޢްވާކުރާމީހަކު ނުވަތަ ކާހިނަކު އޭނާގެ ކައިރިއަށް އަންނަ ނުބައިމީހުންނަށް އޮޅުވައިލުމަށްޓަކައި އޭނާގެ ނަފުސަށް ބޭނުންކުރާ ކަންތައްތަކުގެ ޢަލާމާތްތަކެއްވެއެވެ.

އަދި ގިނަ ސިޙްރުވެރިންނާއި ސިޙްރުވެރިންކަމަށް ދަޢްވާކުރާ މީހުންގެ މެދުގައި އިއްތިފާޤުވާ؛ އޭގެތެރެއިން އެއްވެސް ޢަލާމާތެއް ބަލިމީހަކަށް ފެނިއްޖެނަމަ އެބައިމީހުންގެ ކިބައިން އިންޛާރުލިބިގަތުމާއި އޭނާގެ ދީނާއިގެން އެބައިމީހުންގެ ކިބައިން ސަލާމަތްވުން އޭނާގެމައްޗަށް ވާޖިބުވެގެންވާ ޢަލާމާތްތައް ތިރީގައި މިވަނީއެވެ.

1- އޭނާ (ސިޙްރުވެރިޔާ ނުވަތަ ސިޙްރުވެރިޔަކަށް ހެދިގެން އުޅޭމީހާ) އޭނާގެ ގާތަށް އަންނަމީހާގެ ކިބައިން އެމީހާގެ ނަމާއި އެމީހާގެ މަންމަގެ ނަމާއި އެމީހާގެ ޢުމުރާ ގުޅޭގޮތުން ސުވާލުކުރުން.

އަދި މިއީ ސިޙްރުވެރިޔާގެ މައްޗަށް ފާޅުވެގެންވާ ޢަލާމާތެކެވެ. އެހެނީ ހަމަކަށަވަރުން އޭނާ މުޢާމަލާތްކުރަނީ ޖިންނިންނާ އެކުގައެވެ. އަދި ޖިންނީންގެ ނަސަބު ނިސްބަތްވަނީ މަންމައިންނަށެވެ.  ބައްޕައިންނަކަށް ނޫނެވެ.

2- އޭނާ (ސިޙްރުވެރިޔާ ނުވަތަ ސިޙްރުވެރިޔަކަށް ހެދިގެން އުޅޭމީހާ) އޭނާގެ ގާތަށް އަންނަ މީހާގެ ކިބައިން ސިޙްރުހަދަންބޭނުންވާ މީހާގެ އަޘަރެއް ހޯދަން އެދުން.

އެގޮތުން، އެއީ އެތެރެއިންލާ ހެދުމެއް ނުވަތަ އިސްތައްޓެއްގެބައެއް ނުވަތަ ނިޔަފައްޗެއް ނުވަތަ ފޮޓޯގަނޑެކެވެ. އަދި އެންމެގިނައިން ފޮޓޯތައް ބޭނުންކުރާ ބަޔަކީ ޚާދިމުންގޮތުގައި ބޭނުންކުރާ އަންހެނުންނެވެ. އެއީ އެކަނބަލުން މަސައްކަތްކުރާ ގޭގެ އަހުލުވެރިންގެ މަތިން ހަނދާންކުރުމުގެ ނަމުގައެވެ. އަދި އެފަދަ ޙުއްޖަތްތައް އެކަނބަލުން ދައްކަނީ ފޮޓޯނެގުމަށް އޮތް ޙުއްޖަތެއްކަމުގައެވެ. ފަހެ، ތިބާގެ ފޮޓޯއެއް ނުވަތަ ތިބާގެ ޢާއިލާގެ ފޮޓޯއެއް ޚާދިމު އަންހެންމީހާގެ އަތުގައި އޮތްތަން ތިބާއަށް ފެނިއްޖެނަމަ ފަހެ، އެ ވިދާލާށެވެ.

އަދި މިއީ ފޮޓޯ ޙަރާމްކުރެއްވި ޙިކުމަތްތަކުގެ ތެރެއިން ވާކަމެކެވެ. އަދި ޝަރީޢަތަށް ފުރިހަމައަށް ތަބަޢަވުމުގެ މޭވާތަކުގެ ތެރެއިން ފޮޓޯ ނުނެގުން ވެއެވެ.

ނަބިއްޔާ ‘ ޙަދީޘް ކުރައްވާފައިވެއެވެ. އަދި « لَعَنَ اللهُ  المُصَوِّرَ »(1) މާނައީ " ޞޫރަކުރާ މީހުންނަށް ﷲ ލަޢްނަތްލެއްވިއެވެ." ފަހެ، ތިބާގެ އަތުގައި ތިބާގެ ފޮޓޯއެއް ނުވަތަ ތިބާގެ އަންހެނުންގެ ފޮޓޯއެއް ނުވަތަ ތިބާގެ ދަރިންގެ ފޮޓޯއެއްވެސް މަޖުބޫރުވެގެން ނޫނީ ނުބާއްވާށެވެ. އެއީ ޞޫރަކުރުމުގެ ވަޢީދުގެ ތެރެއަށް ނުވެއްޓުމަށްޓަކައެވެ. ނަބިއްޔާ ‘ ޙަދީޘް ކުރެއްވިއެވެ. «كُلُّ مُصَوِّرٍ فِي النَّارِ » މާނައީ " ޞޫރަކުރާ ކޮންމެމީހަކު ވަނީ ނަރަކާގައެވެ." އަދި އެއީ ސިޙްރުވެރިންނާއި ގިނަގިނައިން ދޮގުހަދާ ދޮގުވެރިންގެ ބަލާވެރިކަމުން ދުރުވުމަށްޓަކައެވެ.

3- ދުންއެޅުމަށް ބޭނުންކުރާ ދެއްޔާއި ދުންއެޅުމަށް ބޭނުކުރާ އެކިވައްތަރުގެ ބޮކަރާއި ލުބާން ( ދުން އެޅުމަށް ބޭނުން ކުރާ ބާވަތެއް ހަރުކިރެއް ) މުޖުމަރާ ( ދުން އެޅުމަށް ބޭނުންކުރާ އާލާތެއް ) ގެ ތެރެއަށް އަޅައިގެން ބޭނުންކުރުން. އެއީ އެކަމަކީ ޝައިޠާނުން އެބައިމީހުންގެ ކައިރިއަށް އަންނާނޭކަމެއްކަން ކަށަވަރެވެ. އެއީ ޝައިޠާނުންނަށް އެބައިމީހުން ކުރާކަންތައްތައް އެންގުމަށްޓަކައެވެ.

4- ރޭގަނޑުގައި މަސައްކަތްކުރުން. އަދި މިއީ ގިނަފަހަރު އެބައިމީހުން މަސައްކަތްކުރާ ވަގުތެވެ.

އިބުނުލް ޤައްޔިމު ވިދާޅުވެފައިވެއެވެ. (( ސިޙްރުގެ ބާރު އަދި އޭގެ އަޘަރު އެންމެބޮޑަށް ކުރުވާކަން ކަށަވަރީ ރޭގަނޑުގައެވެ. ދުވާލުގައެއް ނޫނެވެ. ފަހެ، ރޭގަޑުގައިހަދާ  ސިޙްރަކީ އެއީ އެބައިމީހުންގެ ކައިރީ ބާރުގަދަ، އަޘަރުކުރުވާ ސިޙްރެވެ.))

އަދި ރޭގަނޑުގައި ސިޙްރު ނުހަދާނަމަ ބޮކިތައް ނިއްވާލައި އަނދިރި ކޮޓަރިތަކަށް ( ސިޙްރުވެރިން ) ވަދެއެވެ.

5- އިންސާނާގެ އަޑުގައި "ތާ" އާއި " މީމު"ގެ އަޑު ގިނައިންފާޅުވާ، އޭނާގެ ދެތުންފަތް ޙަރަކާތްކުރުވަމުން ދޭހަނުވާ ކަލިމަތައް ބޭނުންކުރުންވެއެވެ. އެއީ އަޑުއަހާ މީހަކަށް ދޭހަވުން އުނދަގޫ ކަލިމަތަކެކެވެ.

6- ފަރުވާދޭއިރު ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘްތައް އެއްކޮށްގެން "ތާ" އާއި " މީމު"ގެ އަޑު ގިނައިންފާޅުވާގޮތަށް ކިއުންވެއެވެ. އެއީ ސިޙްރުނޫންކަމާއި، އަދިކިއެއްތަ އޭނާ އެކިޔަވަނީ ޤުރުއާންކަން މީސްތަކުނަށް ދައްކައި އޮޅުވައިލުމަށެވެ. އަދި އޭނާ ޤުރްއާނުގެ އާޔަތްތަކާއެކު މުޤައްޠަޢަތި އަކުރުތައް ( ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ އަކުރުތައް) ބޭނުންކުރަނީ ޝައިޠާނުންނާ ކުއްތަންވުމަށްޓަކައެވެ.

7- އޭނާ (ސިޙްރުވެރިޔާ ނުވަތަ ސިޙްރުވެރިޔަކަށް ހެދިގެން އުޅޭމީހާ) ( އޭނާގެ ގާތަށް އަންނަ މީހުންގެ ކިބައިން ) ވަކި ޞިފަތަކެއް ހުންނަ ޙައިވާނެއް (ޖަނަވާރެއް) ގެނައުމަށް ބުނުންވެއެވެ.

8- އޭނާ (ސިޙްރުވެރިޔާ ނުވަތަ ސިޙްރުވެރިޔަކަށް ހެދިގެން އުޅޭމީހާ) ސިޙްރުގެ ފޮތްތައް ބޭނުންކުރުންވެއެވެ. އަދި އެފޮތްތަކުގައި ރަމްޒުތަކާއި ޖަދުވަލުތައް ވެއެވެ. އަދި ބަލިމީހާގެ ކައިރީން އަމާންކަން ލިބިގެންވާނަމަ ބައެއްފަހަރު އޭނާ( ސިޙްރުވެރިޔާ ނުވަތަ ސިޙްރުވެރިޔަކަށް ހެދިގެން އުޅޭމީހާ) ގެ ކައިރީގައި އެފޮތްތައް ބަހައްޓައެވެ.

9- ޠަލާސީމު ( ސިޙްރުވެރިން ބޭނުންކުރާ، އޭގެ މާނަ ބަޔާންވެގެންނުވާ ރޮގުތަކާއި ލިޔުންތަކާއި އަކުރުތައް ) ނުވަތަ ރަމްޒުތައް ނުވަތަ މުޤައްޠަޢަތި އަކުރުތައް ( ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ އަކުރުތައް) ނުވަތަ ހިސާބު ނަންބަރުތައް ނުވަތަ ހަތަރެސްކަން (އަކަ) ތަކާއި ވަށްބުރުތަކާއި ޖަދުވަލުތައް ލިއުންވެއެވެ.

10- ހަމުގައި ނުވަތަ ދަގަނޑުކޮޅެއްގައި ނުވަތަ ލޮއިކޮޅެއްގެ ތެރެއަށްލައި ފަރުދާކޮށްފައިވާ ތިނަސްކަން ނުވަތަ ހަތަރެސްކަނަށް ވާ އެއްޗެއް ބަލިމީހާއަށް ދިނުންވެއެވެ. އަދި އޭގެތެރޭގައިވަނީ ވާތްގަށްއެދޭ ޝިރުކުތަކާއި ޢަދަދުތަކާއި އަކުރުތަކެވެ. އަދި އެއެތި ބަލިމީހާގެ ކަރުގައި ނުވަތަ އޭނާގެ އަތުގެ މުލައްދަޑީގައި އެޅުވުމަށް ނުވަތަ އޭނާގެ ބާލީސް ދަށުގައި ބޭއްވުމަށް، ސިޙްރުވެރިޔާ އަމުރުކޮށްފާނެއެވެ. އަދި އެއާމެދުގައި ފަރުވާކުޑަ ނުކުރުމަށް ބަލިމީހާއަށް ހިތްވަރުދޭނެއެވެ. އަދި އެދޫކޮށްލައިފިނަމަ ބަލިވުން ނުވަތަ އެހެންކަމެއް ވެދާނޭކަމަށް ބުނެ ބަލިމީހަށް ބިރުދައްކާނެއެވެ.

11- ބަލިމީހައަށް ޠަލާސީމު ( ސިޙްރުވެރިން ބޭނުންކުރާ، އޭގެ މާނަ ބަޔާންވެގެންނުވާ ރޮގުތަކާއި ލިޔުންތަކާއި އަކުރުތައް ) ލިއެފައިވާ ގަނޑުތައް ދިނުމާއި އަންދައި އެއިން ދުންއެޅުމަށް ބޮކަރާއި ޢޫދު ފަދަތަކެތި ދިނުންވެއެވެ.

12- މުޤައްޠަޢަތި އަކުރު ( ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ އަކުރުތައް) ތަކާއި ޖަދުވަލުތަކާއި ޢަދަދުތައް ބަލިމީހައަށް ލިޔެދީ އެ ފެނުގެ ތެރެއަށްލައި އެފެން ބުއިމަށް ނުވަތަ އެފެނުން ފެންވެރުމަށް ބަލިމީހާއަށް އަމުރުކުރުން ވެއެވެ.

ފަހެ، މިއީ ސިޙްރުވެރިންގެ ބައެއް ޢަލާމާތްތަކެވެ. ފަހެ، ތިބާއަށް، ބަޔާންވެދިޔަ ކަންތައްތަކުގެ ތެރެއިން ކަމެއް މީހެއްގެކިބައިން ފެނިއްޖެނަމަ، ފަހެ، ތިބާގެ ޢަޤީދާ ފަސާދަވެދާނެކަމަށްޓަކައި ތިބާގެނަފުސުގެ މައްޗަށް ސަމާލުވުން ހުއްޓެވެ. އަދި ތިބާ އެބައިމީހުންނާ ދުރުވާށެވެ. ފަހެ، ހަމަކަށަވަރުން ﷲއަށްޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެއަށްވުރެ ހެޔޮވެގެންވާކަމެއް ﷲ  އެކަމެއްގެ ބަދަލުގައި އެމީހަކަށް ދެއްވާނެތެވެ.

އިންސާނާގެ އަޑުގައި "ތާ" އާއި " މީމު"ގެ އަޑު ގިނައިންފާޅުވާ، އޭނާގެ ދެތުންފަތް ޙަރަކާތްކުރުވަމުން ދޭހަނުވާ ކަލިމަތައް ބޭނުންކުރުންވެއެވެ. އެއީ އަޑުއަހާ މީހަކަށް ދޭހަވުން އުނދަގޫ ކަލިމަތަކެކެވެ.

ސިޙްރު ހަދަނީ ކޮންގޮތަކަށްހެއްޔެވެ؟

ސިޙްރު އެތައްގޮތަކަށް ހަދައެވެ. އެގޮތްތައް ތިރީގައި މިވަނީއެވެ.

1- ކާންދީގެން ސިޙްރުހެދުން: ފަހެ، ކާއެއްޗެހީގެ ތެރެއަށް ސިޙްރު ހަދައެވެ. އަދި ސިޙްރު ހެދޭމީހާއަށް ނޭނގޭ ޙާލުގައި އޭނާ އެކާއެއްޗެހި ކައެވެ. ފަހެ، ﷲގެ އިޛުނަފުޅާއެކު ސިޙްރުން އޭނާއަށް އަޘަރުކުރުވައެވެ. އަދި ﷲ ގެ އަމުރުފުޅުން، ފަހަރެއްގައި އޭނާއަށް  އަޘަރު ނުކޮށްފާނެއެވެ.

2- އެއްޗެއް ބޯންދީގެން ސިޙްރުހެދުން: ފަހެ، ބޯފަނިތަށްޓަކުން ނުވަތަ ސައިތަށްޓަކުން ނުވަތަ އެފަ އެހެންއެއްޗެއް ބޮއެގެން ސިޙްރު ހެދޭމީހާއަށް ސިޙްރުބޮވެއެވެ. ކާންދީގެން ހެދޭސިޙްރާއި ބޯންދީގެން ހެދޭސިޙްރާއެކުގައި ތެރެސްކަހަލަ ތަތްލަވާ ބާވަތެއްގެ އެއްޗެއް އެއްކުރުމުގެ ސަބަބުން މަޢިދާގެ ފާރުތަކުގައި ސިޙްރު ތަތްލަވައެވެ. އެއީ ސިޙްރު ހެދޭމީހާގެ ބަޑުތެރޭގައި ސިޙްރުބެހެއްޓުމަށްޓަކައެވެ.

އަދި ސިޙްރު ހެދޭމީހާއަށް މިވައްތަރުގެ ސިޙްރު ނޭގި އެބޭރު ނުކުރެވިއްޖެނަމަ ފަހެ، ހަމަކަށަވަރުން އޭނާގެ ބަނޑު ފަސާދަވެއެވެ. އަދި އެކަމުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.

3- ސިޙްރު ބިމުގައި ވަޅުލައިގެން ސިޙްރު ހެދުން: އަދި އެގޮތުން ސިޙްރު ބިމުގެ ތަނެއްގައި ވަޅުލައެވެ. ފަހެ، ސިޙްރު ހެދޭމީހާ އޭގެމައްޗަށް އެރުމުން ﷲގެ އިޛުނަފުޅާ ލައިގެން އަޘަރުކުރެއެވެ. އަދި ފަހަރުގައި އަޅާއަށް ﷲގެ ރައްކާތެރިކަން ލިބުމުގެ ސަބަބުން އަޘަރު ނުކޮށްފާނެއެވެ.

4- ގޮށްގޮށަށް ފުމެގެން ސިޙްރުހެދުން: އަދި އެގޮތުން ސިޙްރު ހަދާމީހާ ސިޙްރު ހެދޭމީހާގެ އިސްތައްޓެއް ނުވަތަ އޭނާގެ އަންނައުނުގެ ބައެއް ފަދަ އަޘަރެއް ހޯދައެވެ. އެއަށްފަހު އެއަޘަރުގައި ގޮށްޖަހައެވެ. އެއަށްފަހު އޭނާގެ މުޑުދާރުވެގެންވީ ނޭވާއިން އެއަށް ފުމެލައެވެ. އަދި އިސްތަށިފުޅުން ވެއްޓިފައިވާ އިސްތައްޓަކަށް ހަމަކަށަވަރުން ނަބިއްޔާއަށް މިވައްތަރުގެ ސިޙްރު ހެދިއެވެ.

އެގޮތުން އެއިސްތަށީގައި ސިޙްރުގެގޮށްޖަހައި ހިކިފައިވާ ކަދުރު ރުކުގެ އިހާގަނޑެއްގެތެރޭގައި ފޮރުވުމަށްފަހު ވަޅެއްގެތެރެއަށް އެއްލާލިއެވެ. އެއީ ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ފަދައިންނެވެ.

5- ޖިންނި ފޮނުވައިގެން ސިޙްރުހެދުން: އަދި އެއީ އަނިޔާވެރި ޝިރުކުގެ ޢަމަލުތަކުން ސިޙްރުވެރިޔާ ޝައިޠާނުންނާ ކުއްތަންވުމެވެ. ފަހެ، އޭނާ ﷲއަށް ކާފަރުވުމަށްފަހު އޭނާގެ ބޭނުން ކަމުގައިވާ ސިޙްރުހެދޭމީހުންގެ ތެރެއިން މީހެއްގެ ހަށިގަނޑުގެތެރެއަށް ވަދެ އެމީހާއަށް އުނދަގޫކުރުމަށް ޝައިޠާނާގެ ކިބައިން އެދެއެވެ. އަދި ފަހަރެއްގައި ސިޙްރުހެދޭމީހާ އެކަމުން ﷲ ސަލާމަތްކުރައްވަފާނެތެވެ.

6- ލިޔެގެން ސިޙްރުހެދުން: ސިޙްރުހެދޭމީހާގެ އަޘަރެއް ބޭނުންކުރުމެއް ނެތި ޠަލާސީމު ( ސިޙްރުވެރިން ބޭނުންކުރާ، އޭގެ މާނަ ބަޔާންވެގެންނުވާ ރޮގުތަކާއި ލިޔުންތަކާއި އަކުރުތައް ) ތަކާއި ޖަދުވަލުތައް ލިޔެހެދުމެވެ. އަދި ﷲގެ އަމުރުފުޅުން، މިވައްތަރުގެ ސިޙްރުން ސިޙްރުހެދޭމީހާއަށް ކުރާއަޘަރު ބަލިކަށިވެގެންވެއެވެ. އެހެނީ (ސިޙްރު ހެދުމަށްޓަކައި ) ސިޙްރުހެދޭމީހާގެ އަޘަރެއް ކޮންމެހެންވެސް ބޭނުންވެއެވެ.

އެޑިޓަރުގެ ނޯޓް: "އެމީހާގެ ދީން ވިއްކާލާ މީހާ" އަރަބި ބަހުން ލިޔެފައިވާ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު އެވެ. ސިލްސިލާ ގޮތެއްގައި މިނޫހުގެ ކިއުންތެރިންނާއި ހަމައަށް މިފޮތުގެ ބައިތަށް ގެނެސްދިނުމަށް އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދު، ރުހުން ދެއްވާފައިވާކަމީ މިނޫހުގެ ކިއުންތެރިންނާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށް އުފާކުރާކަމެކެވެ. މިފަދަ އަގުހުރި އެތަކެއް މަސައްކަތްތަކެއް، އުސްތާޛް އަބޫ އަބްދުﷲ ސަލްމާން ރަޝީދުއަށް ކުރުމުގެ ތަޢުފީގު ދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *