މިނިމަމް ވޭޖާ އެއްގޮތަށް އެސްޓީއޯއިން މިމަހުން ފެށިގެން މުސާރަ ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު މުސާރައަށް އަހަރަކު 14 މިލިއަން ރުފިޔާ އިތުރަށް ހޭދަވާނެ ކަމަށެވެ.

Ad
rt

ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރގެ ކުދި ފަންތީގެ ވިޔަފާރިތަކުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި މަހަކު 4،500 ރުފިޔާ، އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހަކު 7،000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކުން މަހަކަށް 8،000 ރުފިޔާ ދޭން ޖެހޭނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި ދޭން ޖެހޭނެއެވެ.

ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް މުވައްޒަފުން ގެންގުޅޭ އަދި 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކެވެ.

މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑި، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނޭނެއެވެ.