އިލެކްޝަން ކޮމިޝަން (އީސީ)އިން "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފިއެވެ.
"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ވަނީ، ސ.ހުޅުދޫ/ ރަސްގެދަރު، މުޙައްމަދު ޔާސީނަށެވެ.
އީސީން ވަނީ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ މ.ކެލަން, މުޙައްމަދު އިސްމާއިލަށެވެ. މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ "ކަރިޝްމާ ޕާޓީ"ގެ ނަމުގައެވެ.
މިފަހަކުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ޕާޓީތަކުން ކުރެ މިހާރު ރަސްމީކޮށް ރަޖިސްޓްރީވެ، ހިންގަމުން ދަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. އެ ޕާޓީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މީގެއިތުރުން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން އިސްވެ ހުންނަވާ ގެންދަވަނީ ކުރައްވަމުންނެވެ.
އީސީގެ ގަވާއިދު ބުނާގޮތުންނަމަ އާ ސިޔާސީ ޕާޓީއެއް އުފައްދަން 3،000 މެމްބަރުން ހަމަކުރަންޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބެއެވެ. އަދި ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވޭނީ އެންމެ މަދުވެގެން 300 މެމްބަރުން ހަމަވެގެންނެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާލިބެއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު، މިހާތަނަށް 10،000 މެންބަރުން ހަމަވެފައިވާކަމަށް އީސީން ޢިއުލާންކޮށްފައި ވަނީ ތިން ޕާޓީއެކެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީއެވެ.
އެންމެފަހުން ދަފްތަރުގައި ހިމެނި އެމްއެންޕީއިން ވެސް 10 ހާސް ހަމަކޮށް، ފޯމްތައް އީސީއަށް ހުށަހަޅާފައިވާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަދާލަތު ޕާޓީވެސް ވަނީ 10 ހާސް މެންބަރުން ހަމަވާވަރަށް ފޯމްތައް މިހާރު އީސީއަށް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!