ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ، ގްރޫޕް އޭގެ ފަހު މެޗުތަކުގައި ޕީއެސްޖީއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕީއެސްޖީން ކާމިޔާބުކުރިއިރު، މި ގްރޫޕްގައި މެންޗެސްޓާ ސިޓީއާއި އާރުބީ ލެއިޕްޒީގް ބައްދަލުކުރި މެޗު ލެއިޕްޒީގުން ކާމިޔާބު ކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ މި ގްރޫޕްގެ ފަހު މެޗުތައް ކުޅެފައިވާއިރު، ފަހު މެޗުތަކަށް ނުކުތްއިރު ވެސް މި ގްރޫޕުން ސިޓީއާއި ޕީއެސްޖީ ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ. ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ކުލަބް ބްރޫޖްގެ މައްޗަށް އެ ޓީމުން ކުރި ހޯދާފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ހަތްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް އެމްބާޕޭއެވެ. މި ދެ ލަނޑާއިއެކު އެމްބާޕޭ ވެގެން ގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގައި 30 ލަނޑު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މި ރެކޯޑް ކުރިން އޮތީ މިހާރު އެމްބާޕޭއާއި އެއް ޓީމަކަށް ކުޅެމުން އަންނަ ލައިނަލް މެސީގެ އަތުގައެވެ. މެސީ 30 ލަނޑު ހަމަކުރި އިރު އުމުރަކީ 23 އަހަރެވެ. އެމްބާޕޭގެ ޗެމްޕިއަންސް ލީގުގައި 30 ލަނޑު ހަމަކޮށްފައި މި ވަނީ އޭނާގެ އުމުރުން 22 އަހަރުގައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ. ކުލަބް ބްރޫޖުން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނެޓުގައ ކާމިޔާބު ކޮށްދީފައި ވަނީ މެޓް ރިޓްސްއެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ މެސީއެވެ.
ގްރޫޕް އޭގައި މެންޗެސްޓާ ސިޓީއާއި އާރުބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ލެއިޕްޒީގް ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުނެނެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ ވެސް ލެއިޕްޒީގުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ސޮބޯޒްލާ ކާމިޔާބު ކޮށްދިން އިރު އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އަންދްރޭ ސިލްވާއެވެ. މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑި 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މްހްރޭޒްއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރ ވޯލްކާއަށް ރަތްކާޑް ދެއްކުމާއި ގުޅިގެން ސިޓީން މެޗު ނިންމާފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ސިޓީ ބަލިވި ނަމަވެސް ކުޅުނު 6 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނަ ލިބެނީ އެ ޓީމަށެވެ. ދެވަނާގައި ޕީއެސްޖީ އޮތީ ކުޅުނު 6 މެޗުން ލިބުނު 11 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ ތިންވަނާގައި ލެޕްޒީގް އޮތްއިރު ފުލުގައި އޮތީ ކުލަބް ބުރޫޖއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!