ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ފަރަށް އުރުނުގެ ހާދިސާގައި، އެ ބާޖުގެ ވެރިފަރާތް 61,681,316.00 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ވަނީ ޖޫރިމަނާކޮށްފައިވާނެ ކަމަށެވެ.
އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުންނެވެ.
ބާޖުގެ ވެރިފަރާތް ޖޫރިމަނާކުރުމާއެކު، 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް 07 ޑިސެމްބަރު 2021 ގައި އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ވިދާޅުވެއެވެ.
"އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބާޖުގެ ބައިތައް އެ ސަރަޙައްދުން ނަގައި ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއިން އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވެއެވެ. އަދި، 1632 އަކަމީޓަރުގެ ސަރަޙައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ." އީޕީއޭއިން ވިދާޅުވެފަ ވެއެވެ.
އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބާޖުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައި ވަނީ 16 ނޮވެންބަރު 2021 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!