އިޓާލިއަން ސީރިއާ އޭގައި ޖެނޯއާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ޖެނޯއާގެ ގޯލަށް އަމާޒުކޮށް ޖުމްލަ ބާރަ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޖެނޯއާއަށް މުޅި މެޗުގައި ވެސް ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައި ނުވެއެވެ.
މި މެޗުގައި ޔުވެންޓަސްއިން ލީޑު ނަގާފައި ވަނީ މެޗުގެ 9 ވަނަ މިނެޓުގައި ކުއަޑާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މީގެ އިތުރުން މި ހާފުގައި މޮރާޓާގެ އިތުރުން ޑި ލައިޓްއަށް ވެސް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތު ލިބިފައެވެ. އެ ފުރުޞަތުތަށް ހުޝިޔާރުކަމާއިއެކު ޖެނޯއާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ ފަހު ހާފުގައި ވެސް ޔުވެންޓަސްއިން ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މޮރާޓާގެ އިތުރުން ޑިބާލާ ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ. މެޗުގައި ޔުވެންޓަސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު 82 ވަނަ މިނެޓުގައި ބާނާޑްސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިބާލާއެވެ.
ޝެވްޗެންކޯ ކޯޗުކޮށްދެމުން އަންނަ ޖެނޯއާއަށް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 18 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 16 މެޗުން 10 ޕޮއިންޓެވެ. ދަށް ނަތީޖާތަކެއް ނެރެމުން އަނަން ޖެނޯއާއިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ލަނޑެ ވެސް ކާމިޔާބު ކުރެވިފައި ނުވެއެވެ.
މި މެޗުން މޮޅުވި ޔުވެންޓަސް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ފަސް ވަނާގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ މިލާނެވެ. އެ ޓީމަށް 16 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!