މިދިޔަ ތިން ވަރަކަށް ހަފުތާ ތެރޭ ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ހުރިހާ ހިދުމަތެއް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ބޭންކުން މައާފަށް އެދިއްޖެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ސޮއި ކޮށް ހުރިހާ ކަސްޓަމަރުންނަށް ވަނީ މައާފުގެ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓިމް މައާފަށް އެދުނު ނަމަވެސް ގިނަ ރައްޔިތުން ބުނަނީ މައާފު ކުރަން ދަތި ކަމަށެވެ. އެގޮތުން، ގިނަ ބައެއްގެ އެކައުންޓުތަކުން ކެންސަލްވެފައި ހުރި ޓްރާންސެކްޝަންތަކަށް ފައިސާ ކެނޑިފައިވާއިރު، ބައެއް މީހުންނަށް ވިޔަފާރި ނުކުރެވި ތިބެން ޖެހުނު ކަމަށް ވެސް ބުނެއެވެ.
އާއްމުންގެ އިތުރުން ވިޔަފާރިތަކަށްވެސް ބޭންކުގެ ހިދުމަތްތަކަށް ބުރޫ އެރުމުން ދަތިވިއެވެ. އެގޮތުން، ހިދުމަތް މެދުކެނޑޭ ވަގުތު ވިޔަފާރި މެދުކަނޑާލަން ޖެހުނު ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ.
“ކޯވިޑާއެކު ގިނަ މީހުން މިހާރު ނަގުދު ފައިސާއެއް ނުގެންގުޅޭ. ބީއެމްއެލް ގިނަ މީހުން ބޭނުންކުރަނީ. ކިހާ ދަތިވާނެ އެހެންވީމަ. ވަރަށް ގެއްލުން އެއީ. ދެން މައާފަށް އެދުނިއްޔާ އެ ގެއްލުން އަނބުރާ ލިބޭނެތަ،” ވިޔަފާރިވެރިއަކު ބުންޏެވެ.
އާއްމު ރައްޔިތަކު ޓިމްއަށް ރައްދު ދީ ބުނީ މައާފަށް އެދިގެން ނިންމާލެވެން ނެތް ކަމަށެވެ. އަޕްގްރޭޑިން މަސައްކަތެއް ނިމުނު އިރު އެކަން ހިދުމަތުން ފެންނަން ނެތުމަކީ ޝައްކު ކުރެވޭ ކަމެއް ކަމަށާއި އެހެން ކިޔަނީ ކަމެއް ފޮރުވަން އުޅޭތީ ކަމަށް އޭނާ ބުންޏެވެ.
“ޓިމް އަށް ދަންނަވާލަން. އެޕޮލޮޖީ މެސެޖަކުން ނިންމާލެވޭ ވަރުގެ ގެއްލުމެއް ނޫން ލިބުނީކި. ތިބުނާ އަޕްގްރޭޑެއްގެ ސަބަބުން ބޭންގެ އެޕް ނުވަތަ ވެބް ބޭނުން ކުރާއިރު އެއްވެސް އާ ފީޗާއެއް ނުފެނޭ. އަހަރެމެން އަޕްގްރޭޑް ކިޔަނީ ކޮންމެވެސް އާކަމެއް އަޕްގްރޭޑްގެ ފަހުން ވާން ހުރީމަ. ގަބޫލް ކުރަން ސެކިއުރިޓީ ޕެޗް އަޕްޑޭޓް ކޮށްގެން ނުފެނިދާނެ ތަފާތެއް. ސިސްޓަމް އަޕްގްރޭޑޭ ކިޔާތީ ރައްޔިތުންނަށް ކޮންމެވެސް އެއްޗެއް ފޮރުވަން އުޅޭހެން ހީވޭ.” އެ މީހާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވެއެވެ.
ބޭންކުގެ ހިދުމަތްތައް މެދުކެނޑުނީ ކޮންމެހެން ގެންނަ ޖެހޭ އަޕްގްރޭޑިންގެ މަސައްކަތެއް ނިންމާލިއިރު ދިމާވި މައްސަލައެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ބޭންކަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!