ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް މިހާރު އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީއަތް ނިމެން ދެން އެމަނިކިފާނުގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ދައުލަތަކުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން އެހެން ވިދާޅުވެފައި ވަނީ, ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައެވެ.

Ad
rt

ގއ. ވޮޑަމުލާ މައްސަލައިގައި ރައިސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ބާތިލު ކޮށްފައެވެ. ހަމަ އެދުވަހު ރައީސް ޔާމީން ފުރުން މަނާ ކުރުމުގެ އަމުރަކަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. ރައީސް ޔާމީން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރުނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. އެ އަމުރުގެ މުއްދަތު ހަމަވާތީ ދައުލަތުން އަނެއްކާ ވެސް ވަނީ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދިފަ އެވެ.

ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން އެދިފައިވާތީ އެކަމަށް ގޮތެއް ނިނުމުގެ ޝަރީޢަތުގެ މަޖިސް ހިންގައިގަތީ މިއަދު ހެނދުނު 9:00 ޖެހިއިރު އެވެ. އެ އަޑުއެހުމުގައި ދެ ފަރާތުން ވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ފުރުން މަނާކުރުމުގެ އަމުރެއް ނެރެން ފުރިހަމަވާން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ދައުލަތުން މިއަދު ވިދާޅުވީ، އެފަދަ އަމުރެއް ނެރެވޭނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ހުރެގެން ކަމަށެވެ. މި މައްސަލައިގައި ދައުވާ ފޯމާ އެކު އެ މިންވަރަށް ހެކި ހުށަހެޅިފައިވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި, މިފަދަ މައްސަލަތަކުގައި އެކުގައި ކުށްކުރި މީހުން އަމަލުކޮށްފައިވާ ގޮތް ބަލަން ޖެހެ އެވެ. އެގޮތުން, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ތަހުގީގަށް ފިލަން މަސައްކަތް ކުރި މީހެއްކަަމަށް ދައުލަތުން ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި އޭނާއާ ދެކޮޅަށް ދައުވާ ވެސް ކުރިކަން ވެސް ފާހަގަ ކުރެއްވި އެވެ.

ފުރުން މަނާކުރާ މީހާ އަކީ ފިލައިގެން ދިޔުމުގެ މާލީ ގާބިލުކަން އޮތް މީހެއް ކަމަށް ވާން ޖެހޭނެތީ އެކަން ސާބިތުކުރަން ދައުލަތުން ވަނީ ފޯމާ އެކު ރައީސް ޔާމީންގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުތައް ވެސް ހުށަހަޅުއްވާފަ އެވެ.

ރައީސް ޔާމީނަކީ ކުރީގެ ރައީސަކަށް ވާތީ ފިއްލެވުމަށް ގުޅުންތަކާއި، ވަސީލަތްތައް ހުންނާނެ ފަރާތެއްކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި މިހާރު ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ހަވާލާދީ ދައުލަތުން ވަނީ، ރާއްޖެއިން ފިލައިގެން ގޮސްފައިވާ މީހުން އަނބުރާ ގެނައުމުގައި ދަތިތައް ހުރިކަން ވެސް ފާހަގަ ކުރަށްވާފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީ އަބްދުﷲ ޝިޔާޒް ވަނީ އެކަމަށް އިއުތިރާޒް ކުރައްވައި، އެ ހުށަހެޅުމާއި ގުޅިގެން ދައުލަތުން ހުށަހެޅި ފޯމު ވެސް ލިބުނީ މިއަދު ކޯޓަށް ހާޒިރު ވުމުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތައް ވެސް ދިރާސާ ކުރައްވަން ބޭނުންވާކަން ވަނީ ފާހަގަ ކުރަށްވާފައެވެ.

ރައީސް ޔާމީން ކޯޓުގައި ވަނީ ފުލުހުންނަށް އެމަނިކުފާނު ފިއްލަވައިގެން ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތަކެއް ލިބިފައިވާތީ އެ ހެކިތައް ވަކީލުންގެ ޓީމާ އެކީގައި ވާހަކަދައްކަވައިގެން ދިރާސާ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ތުހުމަތުތަކެއް ފުލުހުން އެމަނިކުފާނުގެ މައްޗަށް ކޮށްގެންވެސް ނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ފޯމުގައިވާ ކަންކަން ދިރާސާ ކުރައްވަން ދެ ހަފްތާގެ މުއްދަތެއް ދިނުމަށް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެދިވަޑައިގަތް ދެ ހަފްތާއަކީ ވަރަށް ގިނަ ދުވަސް ކަމަށާއި އެވަރަށް ވަގުތު ނުދެވޭނެ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު މީހެއްގެ ޝަރީއަތް މިއަދު އޮންނާނެ ކަމަށާއި އޭގެ ފަހުން މިކަމަށް ގޮތެއް ނިންމަވާނެ ކަމަށް އިސް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން މިއަދު ހަވީރު 4:00 ގައި މިކަމަށް ގޮތެއް ނިންމެވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.