އޮމިކްރޯން ވޭރިއަންޓައް ނަޒަރެއް!

0FCA61A8-741E-4C0C-B922-DEF08E3DAC78

ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

އޮމިކްރޯން ވޭރިއަންޓަކީ ކޮވިޑް-19ގައި ފެންނަމުންދާ ތަފާތު ވޭރިއަންޓްތަކުގެ ތެރެއިން އެންމެ ފަހުން ރިޕޯޓްކުރި ވޭރިއަންޓެވެ. މި ވޭރިއަންޓް ދިވެހިރާއްޖެއިން ވެސް ފެނިއްޖެކަމަށް 05 ޑިސެންބަރު 2021 ގައި ހެލްތު ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) ވަނީ ވިދާޅުވެފައެވެ. އެއީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއްގެ ކިބައިންނެވެ.

އޮމިކްރޯން މިނަކީ 2021 ނޮވެންބަރު 25 ވަނަ ދުވަހު ދެކުނު އެފްރިކާއިން ފެނުނު އާ ވޭރިއަންޓަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފައިވާ ނަމެވެ. އިލްމީ ގޮތުން މި ވޭރިއަންޓަށް ކިޔަން ދީފައިވަނީ ނަމަކީ "B.1.1.529 ސާސް-ކޯވް-2" އެވެ.

ޑަބްލިޔުއެޗްއޯއިން ކޮވިޑް-19ގެ ވޭރިއަންޓްތަކަށް ނަން ދެމުން އަންނަނީ ގްރީކް އަކުރުތަކުންނެވެ. އެ އުސޫލުން ބަލާނަމަ ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓަށް ދޭންޖެހޭނެ ނަމަކީ "ޝީ" ނުވަތަ "ނޫ" އެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެގޮތަށް ނަން ނުދިނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ނަންފުޅުގެ ބަޔަކަށް ވާތީއެވެ.

އޮމިކްރޯން ވޭރިއަންޓުގައި އެހެން ވޭރިއަންޓްތަކާ ހުރި އެންމެ ބޮޑު ތަފާތަކީ ގިނަ އަދަދަކަށް މިއުޓޭޝަންސް އެކުލެވުމެވެ. މިކަމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ހަލުވިވެފައި، ބަލި ޖެހި ރަނގަޅުވާ މީހުންނަށް އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވަނީ "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެއްކަމަށާ އިންސާނާގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމާއި ވެކްސިންތައް އެ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން ޢިލްމީގޮތުން ދެނެގަތުމަށް އަދި ދެ ހަފްތާއެއްހާ ދުވަސް ނަގާނެކަމުގައެވެ.

އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް އެންމެ ގިނަ މިއުޓޭޝަންސް ހުރި ކަމަށް ފެނުނު ވޭރިއަންޓަށް ވެފައި، ޚާއްޞަކޮށް ހަށިގަނޑުގެ ސެލް އަށް ވަންނަން ބޭނުންކުރާ ވައިރަސްގެ އޭރިއާގެ މިއުޓޭޝަންސް ގިނަ ކަމަށް ސައިންސްވެރިން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ކަންބޮޑުވުން އޮމިކްރޯން ވޭރިއަންޓަށް އަމާޒުވީ "ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގައި ނުވަތަ ނުރައްކާތެރިކަން ބޮޑު ވޭރިއެއްޓެއްގެ ގޮތުގައި އޮމިކްރޯން ވޭރިއަންޓް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައެޅުމާ ގުޅިގެންނެވެ. އެހެން ނަމަވެސް މި ވޭރިއަންޓުގައި މިހާތަނަށް އެއްވެސް މީހަކު ނިޔާވިކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އޮމިކްރޯން ވޭރިއަންޓް ފެނުމާއެކު ވެކްސިން އުފައްދާ ފަރާތްތަކުން އަންނަނީ، ވެކްސިންގެ އަސަރު އޮމިކްރޯން ވޭރިއަންޓަށް ކުރާ މިންވަރު ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އޮކްސްފޯޑުން ބުނާގޮތުގައި އެ ކުންފުނިން އުފައްދާފައިވާ އެސްޓްރަޒެނިކާ ވެކްސިނުން، އޮމިކްރޯންއިން މީހާގެ ހާލަތު ގޯސްވާ ހިސާބަށް ދިޔުމުން ރައްކާތެރި ނުކޮށްދޭކަމުގެ ހެއްކެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ވެކްސިން އިތުރަށް އަޕްގްރޭޑްކުރަން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އޮކްސްފޯޑުން ބުނެއެވެ. މޮޑާނާއިން ބުނެފައިވަނީ، މޮޑާނާ ވެކްސިނުގެ އަސަރު އެހާބޮޑަށް އޮމިކްރޯން ވޭރިއަންޓަށް ނުކުރާކަމަށެވެ. ފައިޒާ ވެކްސިން އުފައްދާފައިވާ ބައޯއެންޓެކުން ބުނެފައިވަނީ އެ ކުންފުނި އުފައްދާފައިވާ ވެކްސިން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުންކުރެވޭނެ ކަމަށެވެ. ވެކްސިން ފުރިހަމަކޮށްފައި ތިބޭ މީހުންނަށް މި ވޭރިއަންޓް ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ބަލީގައި ބޮޑުވަރުވުން ކުޑަކޮށްދޭނެ ކަމަށެވެ. އޮމިކްރޯން ވޭރިއަންޓަށް އަމާޒުކޮށް އެންމެ އަވަހަށް ތައްޔާރުކޮށް ބާޒާރަށް ނެރޭނީ ބައޯއެންޓެކުގެ ފައިޒާ ވެކްސިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮމިކްރޯން ވޭރިއަންޓް ފެނުނު ކަމަށް ފުރަތަމަ ރިޕޯޓްކުރީ ދެކުނު އެފްރިކާއިން ނޮވެންބަރު މަހުގައި ކަމަށްވިޔަސް ސައިންސްވެރިން ލަފާކުރާ ގޮތުގައި 2021 އޮކްޓޫބަރު މަހު ދުނިޔޭގައި މި ވޭރިއަންޓް ވަނީ ފެތުރިފައެވެ. ދެކުނު އެފްރިކާއިން ރިޕޯޓްކުރިތާ މާގިނަ ދުވަހެއް ނުވެ ނެދަލޭންޑްސް، ޖަރުމަނު، އިޓަލީ، ބެލްޖިއަމް، އިޒުރޭލް އަދި ބޮޓްސްވާނާއިން ވެސް މި ވޭރިއަންޓްވަނީ ފެނިފައެވެ. މިހާރު މި އާ ވޭރިއަންޓް މުޅި ދުނިޔެއަށް ފެތުރެމުންދާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންތައް މި ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރަނީ ކިހާވަރަކަށްކަން ނޭނގުމެވެ. އަދި އޮމިކްރޯން ވޭރިއަންޓުގެ ޒަރީއާއިން ބަލި ޖެހޭ މީހުންނަށް ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު އޮތް މިންވަރު ނުވަތަ ސިވިއަރިޓީ މަތީ ކިހާވަރަކަށް ނޭނގުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަންބޮޑުވަނީ އާ ވޭރިއަންޓުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި އަނެއްކާ ވެސް ދުނިޔެ ހުއްޓުމަކަށް އަތުވެދާނެތީއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *