ރ. ދުވާފަރަކީ ގުޅުން ބަދަހި ނަމޫނާ ރައްޔިތުންތަކެއް ދިރުއުޅެމުން އަންނަ ރަށެކެވެ. އެންމެކުރީންސުރެއް މިއަދާއި ޖެހެންދެން ވެސް ވަރުގަދަ އިޖުތިމާއީ ގުޅުމެއް އޮތް މުޖުތަމައެކެވެ.

ކުރީޒަމާނުގައި އޮޑިދޯނިފަހަރު އެހެލުމާއި މިސްކިތްތަކަށް ދޮންވެލިލުންފަދަ ކަންކަމުގައި ރަށު ރައްޔިތުން ނުކުމެ އެންމެން އެއް ރޫހެއްގައި އެ މަސައްކަތްތައް ކޮށް ނިންމާ ނިންމުމަކީ އިޖުތިމާއީ ގުޅުން އިންތިހާއަށް އޭރުވެސް ފެނިގެންދިޔަ ކަންކަމެވެ.

Ad
rt

ޒަމާނަށް އައި ބަދަލާއި ގުޅިގެން ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއިއެކު އޮޑިދޯނި އެހެލުން ފަދަ ކަންކަން ކުރެވޭ އުސޫލުތަކަށް ބަދަލެއް އައިސްފައި ވީ ނަމަވެސް ދުވާފަރުގެ ރައްޔިތުންގެ އިޖުތިމާއީ ރޫހަށް ބަދަލެއް ނާންނަކަން މިއަދު މި ބުނެދެނީ ތަފާތު މަންޒަރަކުންނެވެ.

ދުވާފަރުގެ ރައްޔިތުންގެ އިޖުތިމާޢީ ރޫހާއި ބަދަހި ގުޅުން މިއަދު އެންމެ ބޮޑަށް ފެނިގެންދަނީ އަމިއްލަ މީހުންގެ ގޭގޭގެ ކޮންކްރީޓް ޝީޓް އެޅުމުގެ މަސައްކަތުންނެވެ. ގޭގޭގެ ޝީޓް އެޅުންފަދަ މަސައްކަތްތަކުގައި ރަށުގެ ޒުވާނުންނާއި ހަރު މީހުން ހިމެނޭހެން އާންމުގޮތެއްގައި 150 އަށް ވުރެ ގިން މީހުން ބައިވެރިވެއެވެ.

އެއްވެސް އަގަކާއި ނުލައި މިހާގިނަ އަދަދެއްގެ މީހުން މި މަސައްކަތަށް ނުކުންނައިރު، މި މަސައްކަތް އިންތިޒާމް ވެގެން އަންނަ ގޮތަކީ ވެސް އެ މުޖުތަމައުގެ ގުޅުން ބަދަހިކަމުގެ ހެއްކެކެވެ.

ގޭގެ ވެރިފަރާތުން ޝީޓް އެޅުމަށް ވަކި ދުވަހެއް ކަނޑައަޅައި މަސައްކަތް ކުރަމުން އަންނައިރު، ކަނޑައެޅޭ ދުވަހަށް ޝީޓްގެ މަސައްކަތަށް މީހުން ޖަމާކުރުމަށް ރަށުގައި އިއުލާން ކޮށް ގޮވާ ހެދުމަކީ ކުރާކަމެއް ނޫނެވެ. ސޯޝަލް މީޑިއާގައި އެކަން އާންމު ކުރުމެއް ވެސް ނޯވެއެވެ. މަސައްކަތް އިންތިޒާމްކުރާ ފަރާތުގެ ރަހުމަތްތެރިން ކައިރީ ބުނެލުމުން އެކަކުފުށުން އަނެއްކަކަށް މެސެޖް ދީ ރަށުގެ އާބާދީގެ މެދުގައި އެ މެސެޖް ދައުރުވެއެވެ.

ވުމާއެކު ކަނޑައެޅޭ ދުވަހެއްގެ އެ ގަޑިއަކަށް އަމިއްލަ މަސައްކަތްތައް ބަހައްޓާފައި ދުވާފަރުގެ ރައްޔިތުން ޖަމާވަނީ އެއީ އަނެކާއަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އެހީތެރި ކަމެއްކަމަށް ދެކިގެންނެވެ.

މި މަސައްކަތް ކުރަމުންދާއިރު ފުޅިއާއި ދަޅުފަދަ ފިނި ބުއިންތައް ބޭނުންވަރަކަށް އެ ސަރަހައްދުން ލިބޭނޭ އިންތިޒާމާއި މަސައްކަތުގައި އުޅޭއިރު ހޫނުވުމުން ބޮލަށް ފޮނިކޮށްލަން ބޭނުންވާ އައިސް ފަދަ ތަކެތި ލިބޭނޭ އިންތިޒާމް ގޭގެ ވެރިފަރާތުން ހަމަޖައްސާފައިހުރެއެވެ.

މީގެއިތުރުން މާލޫދަކަށް ކެއުންތައްޔާރުކުރާ ފަދައިން ގިނަ ބާވަތްތަކުގެ ކެއުން ވެސް މަސައްކަތްކުރާ ފަރާތްތަކަށް ގޭގެ ވެރިފަރާތުން އިސްވެ ތައްޔާރު ކޮށްފައި ހުރެއެވެ. މި މަސައްކަތް ކުރިއަށްދާނީ ވަރަށް ފޯރީގައި ވަރަށް ވަރުގަދަ އެއްބައިވަންތަ ރޫހެއްގައެވެ.

ކުރީޒަމާނުގައި ނަމަ އޮޑިދޯނި ބަނުމަށް ލަކުޑި ކެނޑުމާއި، އަލަށް ބަންނަ ދޯނި ބޭލުންފަދަ މަސައްކަތްތަކަކީ ވެސް ދުވާފަރު ރައްޔިތުންގެ އިޖުތިމާއީ ވަރުގަދަ ރޫޙް ފެނިގެންދިޔަ ކަންކަމެވެ. މިފަދަ މަސައްކަތްތަކުގެ އިތުރުން ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެންނުކުމެ އަނެކުންނަށް އެހީ ފޯރުކޮށްދިނުމަކީ ކޮށްދޭންޖެހޭ ކަމެއްގޮތުގައި ދުވާފަރު ރައްޔިތުން އަންނަނީ ދެކެމުންނެވެ.