އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސްމިތު-ރޯވްއެވެ. އާސެނަލުން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ މިޑްފީލްޑަރ ފްރެޑަށް ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާގެ ފަޔަށް އެރުމުގެ ސަބަބުން ޑެހެއާ ވެއްޓުނު ވަގުތު ސްމިތު-ރޯވް ވަނީ، ޔުނައިޓެޑްގެ އޭރިޔާމަތީހުރެ ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ ގޯލަށް ވައްދާލާފައެވެ. އެ ބޯޅަ ގޯލަށް ވަތްއިރު ވެސް ޑެހެއާ ވެއްޓިފައި އޮތުމުން ރެފްރީ އެކަން ހިނގާދިޔަގޮތް ވީއޭއާރުން ބެލުމަށް ފަހު ވަނީ ލަނޑެއްކަމަށް ނިންމާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 44 ވަނަ މިނެޓުގައި ފްރެޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބްރޫނޯ ފެނާންޑޭޒްއެވެ. މިއީ ބްރޫނޯ ފެނާންޑޭޒް ޔުނައިޓެޑްގެ ޖޯޒީގައި ކުޅުނު 100 ވަނަ މެޗެވެ.
މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ލިބިފައި ވަނީ މެޗުގެ 52 ވަނަ މިނޓުގައި ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް ޔުނައިޓެޑަށް ލީޑުގައި އޮވެވުނީ އެންމެ ދެ މިނެޓެވެ. މާޓިނެއްލީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އާސެނަލްގެ މިޑްފީލްޑަރ މާޓިން އޮޑެގާޑް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ރޮނާލްޑޯއެވެ. ޔުނައިޓެޑަށް މި ޕެނަލްޓީ ދީފައި ވަނީ އާސެނަލްގެ އޭރިއާގެ ތެރެއިން އެ ޓީމްގެ އޮޑެގާޑް ޔުނައިޓެޑްގެ ފްރެޑަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ރެފްރީ ފުރަތަމަ އެ ފައުލެއް ނޫން ކަމަށް ނިންމި ނަމަވެސް ވީއޭއާރުން ބެލުމަށް އެއީ ފައުލެއްކަމަށް ނިންމައި ވަނީ ޔުނައިޓެޑަށް ޕެނަލްޓީ ދީފައެވެ.
މި މެޗުގައު ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއިއެކު އޭނާ ކެރިއާގައި ޖެހި ލަނޑުގެ އަދަދު ވަނީ 801 އަށް އަރާފައެވެ. ރޮނާލްޑޯ ދެފަހަރު މަތިން ޔުނައިޓެޑަށް ކުޅެމުން އަންނައިރު، ޔުނައިޓެޑަށް ވަނީ 130 ލަނޑު ޖަހައިދީފައެވެ. ރެއާލް މެޑްރިޑަށް 450 ލަނޑު، ޔުވެންޓަސްއަށް 101 ލަނޑު، ޕޯޗުގަލްގެ ޤައުމީ ޓީމަށް 115 ލަނޑުގެ އިތުރުން ސްޕޯޓިން ލިސްބަންއަށް އޭނާ ވަނީ 5 ލަނޑު ޖަހައިދީފައެވެ.
މި މޮޅާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތް ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ. މެޗުން ބަލިވި އާސެނަލް މިވަގުތު އޮތީ 14 މެޗުން ލިބުނ 23 ޕޮއިންޓާއިއެކު ފަސްވަނާގައެވެ. ލީގުގެ އެއްވަނާގައި އޮތީ 14 މެޗުން 33 ޕޮއިންޓް ހޯދައިގެން ޗެލްސީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!