ދިވެހި މުދައްރިސުން ހޯދަން، ހައްލު ހޯދަންޖެހޭ ތިން ޝަކުވާ!

ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން ޓުވިޓަރ
ފޮޓޯ: މިނިސްޓްރީ އޮފް އެޑިއުކޭޝަން ޓުވިޓަރ

ތައުލީމީ ދާއިރާގައި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރާ ދިރާސާއާއެކު ޓީޗަރުންގެ މުސާރަތައް ރަނގަޅުކުރަންވީ ގޮތް ދެނެގަނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ މި ދަނޑިވަޅުގައި، މިކަމާގުޅޭގޮތުން މި މައުލޫގައި ލިޔަން ގަލަން ނަގަން ނުހަނު ބޭނުންވީތީ ކުރިއަށް ދާނީ މުދައްރިސެއްގެ ޝަކުވާއެއް ކޮމާކޯޅީގައި ލިޔެލަމުންނެވެ.

"ރަސްމީ ގަޑި ނިމިގެންވެސް ސްކޫލަކުން ނުނިކުމެވޭ. ކޮންމެ ހަފުތާ ބަންދެއްގައި ކޮންމެވެސް އެކްޓިވިޓީއެއް އެބައޮވޭ. މިކުރާ މަސައްކަތާ ބަލާފައި ލިބޭ މުސާރައަކީ އެކަށީގެންވާ މުސާރައެއްނޫން."

މިއީ ސްކޫލުގައި މަސައްކަތްކުރާ އަންހެން ކަނބަލެއްގެ ޝަކުވާއެވެ.

މި ޝަކުވާއަށް ނަޒަރު ހިންގާލާއިރު، ޖުމްލަ ތިން މައްސަލައެއް ސާފުކޮށް ފެންނަން އެބައޮތެވެ. ވަކިވަކިން ނުކުތާތައް ފާހަގަ ކޮށްލުމުން މައްސަލަ ވަރަށް ސާފުވާނެއެވެ.

  • ރަސްމީ ގަޑި ނިމިގެން ގިނަވަގުތުތަކެއް ސުކޫލުގައި ހޭދަކުރަން ޖެހުމެވެ.
  • ކޮންމެ ހަފުތާ ބަންދެންވެސް ސްކޫލުގެ ކަންކަމަށް ހޭދަކުރަން ޖެހުމެވެ.
  • ކުރާ މަސައްކަތާ (މާނައަކީ މަތީގައި އެވާ ކަންކަމާ އަޅާ ބެލުމަށް ފަހު) އެކަށީ ގެންވާ އުޖޫރައެއް ނުލިބުމެވެ.

މި ތިން މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދާ ދެވިއްޖެނަމަ، މުދައްރިސުން ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެކަން ޔަޤީނެވެ. ތައުލީމީދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކަށް ނަޒަރެއް ހިންގާލުމަކީވެސް، މި މައުލޫގައި ކުރިއަށް ދާހިނދު ނުހަނު މުހިއްމުކަމަކަށްވީތީ، އެ ފަރާތަށްވެސް ނަޒަރެއް ހިންގާލާނަމެވެ.

ތަޢުލީމީގޮތުން، އެންމެ ކުރިއަރާފައިވާ އެއް ޤައުމަކީ ފިންލޭންޑެވެ. ފިންލޭންޑުގެ ސަރުކާރު ސްކޫލުތަކުގެ ދަރިވަރުން ހޭދަކުރާނެ ގަޑިއަކީ، ހެނދުނު 8:15 އިން މެންދުރުފަހު 2:45 އަށެވެ. މުދައްރިސުންގެ ރަސްމީ ގަޑިއަކީ، ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހުގެ 3:30 އެވެ. ޖުމްލަ 7 ގަޑިއިރާ 30 މިނިޓެވެ. މިއީ ސަރުކާރުގެ ރަސްމީ ގަޑިވެސް މެއެވެ. މި ވަގުތަކީ، ސްކޫލްގެ ރަސްމީ ކިޔަވާދިނުމާއި، އިތުރު ގަޑިތަކާއެކުގައި މުދައްރިސުން ސްކޫލުގައި ހޭދަކުރާނޭ ވަގުތެވެ. ޖަރުމަނުވިލާތުގެ ސްކޫލުތަކުގައިވެސް މުދައްރިސުން ހޭދަކުރާ ރަސްމީ ގަޑިއަކީ މިއެވެ.  އަވަށްޓެރި އިންޑިއާގެ ސްކޫލްތަކުގެ ރަސްމީ ގަޑި ފެށެނީ ހެނދުނު 7:00 އާ 9:30 އާ ދެމެދުގައެވެ. ރަސްމީ ކިޔަވައިދިނުމުގެ ވަގުތު 6 ގަޑިއިރަށް ދެމިގެން ދެއެވެ. ދިވެހިރާއްޖެއަށް ނަޒަރު ހިންގާލުމުންވެސް ރަސްމީ ގަޑި ގާތްގަނޑަކަށް ކަނޑައެޅިފައިވަނީ މި ވަގުތަށެވެ.

ނަމަވެސް މި ތަނުގައި ނުކުތާއެއްކަމުގައި ފާހަގަ ވެފައިމިވަނީ، ރަސްމީ ގަޑީގެ ފަހުންވެސް، ސްކޫލުގައި ވަގުތުތައް ހޭދަކުރަން ޖެހުމެވެ. މި ޤައުމުތަކުގެ ސްކޫލު ނިޒާމު ބިނާވެފައިވަނީ، ސްކޫލުތަކުގެ ރަސްމީ ގަޑިއަށްފަހު ރަސްމީ ދުވަސްތަކުގައި ސްކޫލުގެ އިތުރު ޚަރަކާތްތައް ކުރިއަށް ނުދާނޭ އުސޫލުންނެވެ. ސްކޫލުގެ އެކިއެކި ކުލަބު ޚަރަކާތްތަކާ ކަނޑައެޅޭ އެހެނިހެން ބައެއް ޚަރަކާތްތަކާއި ބައްދަލުވުންތައް ބޭއްވުމަށް، ހަފުތާގެ ރަސްމީ ކިޔަވައިދިނުމުގެ 5 ދުވަހުގެ ތެރެއިން 1 ގަޑިއިރާ 2 ގަޑިއިރާ ދެމެދުގެ ވަގުތު ހާއްސަކުރެއެވެ.

ނަތީޖާއަކީ، ދަރިވަރުންގެ ތެރެއިން އަމާޒުކުރެވޭ ގުރޭޑުތަކަކަށް ކޮންމެވެސް ކުލަބެއްގެ ކޮންމެވެސް ޚަރަކާތެއް ރަސްމީ ގަޑީގެ ތެރެއިން ހިންގުމެވެ. އަދި މުދައްރިސުންނަށް އިތުރަށް ސުކޫލަށް ނިކުންނަށް ނުޖެހުމެވެ. އޭގެ އިތުރުން، މިވަގުތުތަކަކީ، މުދައްރިސުންނާ، ބެލެނިވެރިންނާ، ދަރިވަރުންގެ ބައްދަލުވުން ފަދަ ބައްދަލުވުން ކުރިއަށް ގެންދާނެ ވަގުތުތަކަކަށް ހެދިއްޖެނަމަވެސް، އިތުރުގިނަ ވަގުތުތައް ސުކޫލުގައި ހޭދަކުރަންޖެހޭ ހޭދަކުރުމަށް ލުއި ލިބިގެންދާނެއެވެ. އަދި ފޮތް މާކުކުރުމާ، ފިލާވަޅަށް ތައްޔާރުވުމަށް، ހަފުތާގެ ދުވަސްތަކުން ކޮންމެދުވަހަކުވެސް ގަޑިއިރެއްވަރު ހޭދަކޮށް، ރަސްމީ ގަޑިން ބޭރުން، ހޭދަކުރާ ހަމައެކަނި ފިލާވަޅަށް ތައްޔާރުވަން ހޭދަކުރާ ވަގުތުތަކެއް ގޮތުގައި ހަމަޖެހުމެވެ.

ހަފުތާ ބަންދަކީ، ކޮންމެ މުވައްޒަފަކަށްވެސް، ވަރަށް މުހިއްމު ވަގުތެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި، މަސައްކަތުގެ މާހައުލުގައި ޗުއްޓީއެއް ނެތި މަސައްކަތްކުރަން ޖެހުމަކީ، މަސައްކަތްތުގެ ދާއިރާގެ އުފެއްދުންތެރިކަން ވަރަށްބޮޑަށް ދަށަށް ދެއެވެ.  އަދި ހަމައެހެންމެ، ދިރާސާތަކުން ދައްކަނީ، ހަފުތާގެ ދުވަސްތަކުގެ ތެރެއިން، މަސައްކަތުގެ މާހައުލުގައި އެންމެ ފުރިހަމަ ނަތީޖާއެއް ލިބޭ މަސައްކަތްތައް ކުރެވެނީ، ހަފުތާގެ ބަންދައްފަހު ފުރަތަމަ މަސައްކަތަށް ނިކުންނަ ދުވަހުއެވެ. ނަމަވެސް، ސްކޫލުތަކުގެ ކޮންމެ ހަފުތާއެއްގައިވެސް އަމާޒުކުރެވޭ ކޮންމެވެސް ގުރޭޑުތަކަކަށް، ނުވަތަ ކުލަބަކަށް، ނުވަތަ ބޮޑީސްއަކަށް ކޮންމެވެސް ޚަރަކާތެއް އޮވެއެވެ. ކޮންމެ ދަރިވަރަކަށް ކޮންމެ ހަފުތާބަންދެއްގައި ކަމެއް ނުރޭވުނަސް، އެ ރާވާ ގުރޭޑަކަށް، އެކަމެއް ހިންގުމަށް ތިބެނީ، މުދައްރިސުންނެވެ. ސުކޫލުތަކުގެ މުވައްޒަފުންނެވެ. ނަތީޖާއަކީ، ކޮންމެ ހަފުތާބަންދެއްގެ ދެދުވަހުގެ ތެރެއިން، މަދުވެގެން ކޮންމެވެސް އެއްދުވަހެއްގައި ސްކޫލުތަކުގެ މުވައްޒަފުންނަށް ކޮންމެވެސް ޚަރަކާތެއްގައި ނުވަތަ މަސައްކަތެއްގައި އުޅެން ޖެހުމެވެ. ހަފުތާ ބަންދުވެސް އާއިލާއާ އެކުގައި ހޭދަކުރަން ނުލިބުނީއެވެ.

މިފަދަ މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވިސްނުންތައް ގެންގުޅެފައިވަނީ، ރޭވުންތެރިކަމާއެކުގައެވެ. ދަރިވަރުންނަށް ހިންގާ ޚަރަކާތްތަކަކީވެސް، ރަސްމީ ކިޔަވާދިނުމުގެ ބައެކެވެ. އެހެންކަމަށްވާނަމަ، އެ ޚަރަކާތްތައް ރަސްމީ ވަގުތުގެ ތެރެއަށް ނުވަންނަންވީ ސަބަބަކީ، ކޮބައިހެއްޔެވެ؟ އަދި ރަސްމީ ކިޔަވައިދިނުމުގެ ވަގުތުގެ ތެރެއަށް އެ ޚަރަކާތްތައް ނުލެވެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިސާލަކަށް ބަލަމާ ހިނގާށެވެ. ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަދޭ ދުވަސްތަކުގެ އަދަދަކީ، ގާތްގަނޑަކަށް ޓާމެއްގައި 100 ދުވަހެވެ. މި 100 ދުވަހުގެ ތެރެއިން 10 ދުވަސް ސުކޫލުގެ މިފަދަ ޚަރަކާތްތަކަށް ހުސްކޮށް ގާތްގަނޑަކަށް ޓާމެއްގައި 2 ހަފުތާ އިތުރު ޚަރަކާތްތަކަށް ހުސްކުރެވިދާނެއެވެ. ރޭވުންތެރިކަމާއެކުގައި ގެންދެވޭނަމަ، މިޑްޓާމް ބުރޭކުވެސް ބޭނުން ހިފިދާނެއެވެ. އެހެނީ، ހަފުތާ ބަންދު ސްކޫލުގެ މުޥައްޒަފުންނަށް ހުސްކުރެވޭނަމަ، މިޑްޓާމް ބުރޭކުގެ މާބޮޑު ބޭނުމެއް ނެތެވެ. މި ދުވަސްތަކުގައި ދަރިވަރުން ޚަރަކާތްތަކަށް ފަރިތަކުރުމާ، ޚަރަކާތް ކުރިއަށް ގެންދިއުން ކުރިއަށް ގެންދެވިދާނެއެވެ. ރަސްމީ ކިޔެވުން 10 ދުވަހަށް މެދުކެނޑުމަކީ، މައްސަލައެއްބާވައެވެ؟ އެހެންކަމަށްވާނަމަ، މިޑްޓާމް ބުރޭކުން އެ އަސަރު ފެންނާނެއެވެ.

ތިންވަނަ މައްސަލައަކީ އުޖޫރައިގެ މައްސަލައެވެ. ތެދެކެވެ. މިނިވަން މުއައްސަސާތަކާ އަޅާ ބަލައިފިނަމަ، އަދި ސިވިލްސާވިސްގެ ބައެއް ދާއިރާތަކާ އަޅާ ކިޔާނަމަ އުޖޫރާގައި ފަރަޤުތަކެއް އެބަހުއްޓެވެ. މި ފަރަޤުތައް ނައްތާލުން ވަރަށް މުހިއްމެވެ. އަދި ހަމައެހެންމެ، އިތުރު ގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ ފަރަޤު ނައްތާލުންވެސް ނުހަނު ބޭނުންތެރިއެވެ. އެހެން މުއައްސަސާ ތަކުގައި އިތުރުގަޑީގައި ކުރާ ކޮންމެ މަސައްކަތަކަށް އިތުރުގަޑި ލިބޭއިރު، ތަޢުލީމީދާއިރާގައި، އަސާސީ މުސާރައިގެ 10 އިންސައްތަ ހަމަޖެހިފައިވަނީ ކީއްވެތޯވެސް އެއީ ސުވާލެކެވެ. އަދި އިތުރުގަޑީގައި ކުރާ ރަސްމީ މަސައްކަތްތަކުގެ ތެރެއިން، ފޮތްމާކުކުރުމާ، ކިޔަވާދިނުމަށް ބޭނުންވާ ވަސީލަތްތައް ތައްޔާރުކުރުން އިތުރު ގަޑީގެ ތެރޭގައި ނުލިޔެވެނީ ކީއްވެކަންވެސް ސާފުވާންވެސް ޖެހެއެވެ.

ދެން އުފެދޭ، އަނެއް ސުވާލަކީ، މުދައްރިސުކަން ކިޔެވުމަށްފަހު ބައެއް ފަރާތްތައް އެ ދާއިރާދޫކޮށް މުދައްރިސުންނަށް ލިބޭ އުޖޫރައަށްވުރެ ދަށް އުޖޫރަ ލިބޭ ބައެއް ވަޒީފާތަކަށް ބަދަލުވަނީ ކީއްވެހެއްޔެވެ؟ ޖަވާބަކީ، މުދައްރިސުކަމަށް ޝައުޤުވެރިކަން ކުޑަވާ ހަމައެކަނި ސަބަބަކީ، މި ދާއިރާގެ މުސާރަ އެކަންޏެއްނޫންކަމެވެ.

މިއާއެކުއެކީގައި، ރާއްޖެއިން އެހެންކަމެއްވެސް ފެންނަން އެބައޮތެވެ. ރާއްޖޭގެ ސުކޫލުތަކުގައި އަމަލުކުރާނޭ އުސޫލުތަކެއް ކަނޑައެޅިފައިނެތުމެވެ. އެއް ފުރާޅެއްގެ ދަށުން ހިންގާ ސަރުކާރުގެ އެކި ސުކޫލުތަކުގައި އަމަލުކުރެވެނީ އެކި ގޮތަށެވެ. ސަރުކާރުގެ ސުކޫލުތައް އެއްއުސޫލުކަށް އެއްގޮތަށް އެއްބައްޓަމަށް ކުރިއަށް ގެންދިއުމަށް، ކޮންމެ ސްކޫލެއްގައިވެސް އަމަލުކުރެވޭނެ ޓައިމްޓޭބަލެއް އެޑިޔުކޭޝަނުން އެކުލާވާލުންވެސް މުހިއްމެވެ. މި ޓައިމްޓޭބަލްގެ ތެރެއިން، ހިންގޭނެ އިތުރު ޚަރަކާތްތަކާ، ކުލަބު ޚަރަކާތްތަކާ، ގެންދެވޭނެ މުބާރާތްތައް ކަނޑައެޅިފައި އޮތުންވެސް މުހިއްމެވެ.

މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަނެ، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިލްމީ ގޮތެއްގައި ދެނެގަތުމަށާ ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ގޮތްތަކެއް ހޯދުމަށް، އެކި ދާއިރާތަކަށް ނިސްބަތްވާ ޖުމްލަ ހަ މެމްބަރުންގެ ރިސާޗް ގްރޫޕެއް އެކުލަވާލައިގެން ކުރިއަށްދާއިރު، އެންމެ މުހިއްމުކަމަކަށް ވާންވާނީ މި ދާއިރާގެ ފަރާތްތަކާ ގިނަގިނައިން ސުވާލުކުރުމެވެ. އަދި ކަމުގެ ހައްލު މާހައުލާ އެކަށީގެންވާ ގޮތަށް ހޯދުމެވެ. ޔޫރަޕުގެ އުސޫލުތަކާ ގޮތްތައް ރާއްޖެއަށް ކަމުނުގޮސްފާނެއެވެ. ހުޅަނގުގެ ފަލްސަފާ ރާއްޖެއަށް އެކަށީގެން ނުވެދާނެއެވެ. އޭޝިއާގެ ބައެއް އުސޫލުތައް ރާއްޖެއާ ނުގުޅިދާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ފުރިހަމަ ރިޕޯޓެއް، މިނިސްޓަރ އައިޝަތު މި އާޓިކަލް ކިޔާނެ ކަމަށް އުންމީދުކުރަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *