ހިޔާ ފްލެޓުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފެން ބިލުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން އެ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބަހައްޓައިފިއެވެ.

މިއަދު ބެހެއްޓި މި ޑެސްކު ހުންނާނީ ހިޔާގެ 13 ވަނަ ޓަވަރުގައެވެ.

Ad
rt

އެމްޑަބްލިއުއެސްސީން ބުނީ ފެން ބިލުތަކާ ގުޅޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު އެ ހެލްޕް ޑެސްކުން ލިބޭނެ ކަމަށެވެ. އަދި ފްލެޓުތަކުގެ ފެން މީޓަރު ރަޖިސްޓާ ކުރުމާއި، އެމްޑަބްލިއުއެސްސީގެ ލީނިއަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ސްކީމަށްވެސް އެ ހެލްޕު ޑެސްކުން އެދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހެލްޕް ޑެސްކަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ފެން ލީކެއް އުޅޭކަން ދެނެގަންނާނެ ގޮތުގެ މައުލޫމާތާއި ލީކެއް އުޅޭކަން ފާހަގަވާ ނަމަ، ދެން ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތުވެސް ފޯރުކޮށްދޭނެއެވެ.

މި ހެލްޕް ޑެސްކު ހުންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން ހަވީރު 17:00 އަށެވެ.

ފެން މީޓަރު ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ފްލެޓުގެ ވެރިފަރާތުގެ އައިޑީ ކާޑާއި ފްލެޓް އެގްރީމެންޓުގެ 29 ވަނަ ސަފުހާ ގެންދިއުމުން ރަޖިސްޓާ ކޮށްދޭނެއެވެ.