ފަހަކަށް އައިސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކަށް ބަރޯސާވުމަކީ ވަރަށް ދަތިކަމަކަށް ވެއްޖެ އެވެ. ދަންވަރެއް މެންދުރެއް ނެތި ޚިދުމަތްތަކަށް ބުރޫ އަރަނީ އެވެ. މެއިންޓަރނެންސް ނުވަތަ އަޕްގްރޭޑްއެއް ކަމަށްބުނެ ޚިދުމަތް މެދުކަނޑާލާ ވަގުތު އެތައް އިރަކަށް ދެމިގެން ދަނީ އެވެ.

މިއަދު ބީއެމްއެލްގެ އެއްވެސް އެންގުމެއް ނެތި މިވަނީ ޚިދުމަތްތައް އެތައް އިރަކަށް މެދުކެނޑިފައެވެ. މިދިޔަ އާދިއްތަ ދުވަހު އެއްކޮންހެން ދިޔައީ ޚިދުމަތް ނުލިބި އެވެ. އެކަމުގެ ސަބަބުން އެތައްބައެއްގެ އާންމު ދިރިއުޅުމަށް ވަނީ އެތަކެއް ތުރާލެއް ކުރިމަތި ވެފައެވެ. އާންމުކޮށް އޮފީސްތައް ހުޅުވާފައި ހުންނަ ވަގުތު ތަކުގައި މިޚިދުމަތް ކެނޑުމުން އާންމުންގެ ޝަކުވާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ވިޔަފާރިތަކަށް މިކަމުން ގެއްލުންވަނީ އިންތިހާއަށެވެ.

Ad
rt

ބީއެމްއެލްގެ ބުރާންޗް ތަކުގެ ދޮރުމަތީގައި ބޯޑުހިފައިގެން ހިތްހަމަ ނުޖެހުން ފާޅު ނުކުރި ކަމުގައި ވީނަމަވެސް މީސްމީޑިޔާގެ އެކި މަންސަތަކުން މިކަމުގައި ރައްޔިތުންގެ ހިތުގެ ޝުޢޫރުތައް ދަނީ ބަންޑުން ކުރަމުންނެވެ. މިފަދަ ކޮންމެ ޝަކުވާ އަކަށް އެބޭންކުގެ ޓުވިޓަރ އިން ދެމުން އަންނަނީ އެއް ޖަވާބެކެވެ. "ހައި، ކައިންޑްލީ ޑީއެމް ޔުއަރ ކުއެރީ" މިހެންނެވެ. މަޢުލޫމާތެއް ސާފުކުރުމަށް ނުވަތަ މައްސަލައެއް ހުށައެޅުމަށް އެބޭންކުގެ ކޯލްސެންޓަރ އަށް ގުޅުމުގެ ބަދަލުގައި ގިނަ ފަރާތްތަކުން މިހާރު އަންނަނީ ޓުވިޓަރ ގައި ބީއެމްއެލް ޓެގްކޮށް މައްސަލަ ހުށައަޅަމުންނެވެ. އެއިރުން ޖަވާބާއި ޚިދުމަތް ލިބޭލެއް އަވަސް ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ބީއެމްއެލްގެ ޚިދުމަތްތަކަށް އެއްވެސް އެންގުމެއް ނެތި ބުރޫ އެރުވުމުގެ ސަބަބުން އެތައް ބަޔަކަށް އާންމު ދިރި އުޅުމުގައި އަންނަނީ އެކިކަހަލަ ލަނޑުވެސް ލިބެމުން ނެވެ. މިމަހު އެކަނިވެސް 12 ވަރަކަށް ފަހަރު ޚިދުމަތަށް ބުރޫ އަރާނެކަމުގެ ނޯޓިސް ބީއެމްއެލައިން ވަނީ ނެރެފައެވެ. މިނޯޓިސްތަކަށް ސަމާލުވެ ތިބެނީ މަދުބައެކެވެ.

އެގޮތުން މިއަދު ރައްޓެއްސަކަށް ދިމާވި ކަމެއްގެ ވާހަކަ ކިޔާލާށެވެ. އޭނާއަކީ ހުޅުމާލޭގައި އުޅޭ މީހެކެވެ. ރަށުގައި އުޅޭ ރައްޓެއްސަކު މާލޭގައި އުޅޭތީވެ ބައްދަލުކޮށްލުމަށްވަނީ ހެންވޭރު ކޮޅުގައި ހުރި ހޮޓަލަކަށެވެ. ގަޑިއިރެއްހާއިރު ވާހަކަ ދައްކާލަން ތިބުމަށްފަހު އޭނާގެ ރައްޓެހި މީހާ ކުޑަކަމެއް ދިމާވެގެން ކުއްލިއަކަށް ދާން ޖެހިއްޖެ އެވެ. އޭނާވެސް ދެން އަވަސްވެގަތީ އަވަހަށް ހުޅުމާލެ ދިއުމަށެވެ.

ނަމަވެސް އެކި ފަހަރު މަތިން އުޅެއުޅެވެސް ކޭޝް ކާޑުން ރުފިޔާއެއް ނުކެނޑުނެވެ. މެޝިން ނިއްވާފަ ދެތިން ފަހަރަށް ޓްރައި ކުރުމުންވެސް ފައިސާ ކެނޑޭކަމަކަށް ނުވި އެވެ. އެއާއި އެކު ވޭޓަރ އެދުނީ ބޭންކް ޓްރާންސްފަރ ކުރުމަށެވެ. ޓްރާންސްފަރ ކުރުމަށް އެޕް ހުޅުވާލި އިރު ސަހަރޯ އެވެ. އެކައުންޓް ބެލެންސް 00.00 ކެވެ. ހުރިހާ އެކައުންޓެއްވެސް ސުމެކެވެ. ރަނގަޅަށް ދެލޯ ފޮހެލާފައި އެޕް ކުލޯސް ކޮށްލާފައި ދެން އެޕް ހުޅުވިއިރު މިއޮތީ މެއިންޓަރނެންސް އަށް ލާފަ އެވެ. އެލޯގޯ ފެމުން އެއީ ބީއެމްއެލްގެ ލޯގޯ ހެން މިހާރު ކުލަވާކަހަލަ އެވެ. މިސަކަރާތެއްގައި އުޅޭތާ 15 ވަރަކަށް މިނިޓް ވެއްޖެ އެވެ. ބިލަށް ފައިސާ ދެއްކޭނެ ގޮތެއް ނުވުމުން އިރުކޮޅަކު މަޑުކޮށްލައިގެން އިނީ އެވެ.

ކޯވިޑް19 ގެ ސަބަބުން ނަގުދު ފައިސާ ގެންގުޅުން ރައްކާތެރިނޫންކަމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދިނުމާއި މާލޭގައި ފޭރުން ގިނަ ވެފައިވާތީ އަތުގައި ފައިސާ ގެންގުޅުން އޮތީ އެކީ ހުއްޓާލާފަ އެވެ. ނަމަވެސް ބީއެމްއެލްގެ ޚިދުމަތް ތަކަށް އިތުބާރު ނުކުރެވޭތީ އަބަދުވެސް ވޮލެޓުގައި 200 ވަރަކަށް ރުފިޔާ ބާއްވަމެވެ.

ކޮންމެވެސް ބޭނުމެއްގައި 200 ވެސް ބޭނުންކޮށް އެވެސް ވަނީ ހުސްވެފަ އެވެ. އެތަނުގައި 30 މިނެޓް މިހެން އިނދެ ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން ވޭޓަރު ކައިރީ ފޯނު ނަންބަރ ދީފައި ބީއެމްއެލް އޯކޭ ވީމާ ޓްރާންސްފަރ ކޮށްލަން އެދުމުންވެސް އެގޮކަށް އެއްބަހެއް ނުވި އެވެ. އޭނާ ބުނީ ބޮސް އޯކޭ ނުވާނެ ކަމަށެވެ. ދެން އިތުރު ގޮތެއް ނެތްތޯ އެހުމުން ވޭޓަރ ބޯކަހާލާފައި ބުނީ ބަދިގޭގައި ހުރި ތަށިތައް ދޮވެލާފައި ދެވި ދާނެކަމަށެވެ. ވަގުތުވެސް ނެތުމާއި އެކު ބަދިގެއަށް ވަދެ ތަށިތައް ދޮވެލަދިނުމުން ބިލް ނުދައްކާ އެތަނުން ނިކުމެވުނު ކަމަށް އެމީހާ ކިޔައި ދިނެވެ.

މިވެސް ހަމަ ބީއެމްއެލްގެ ސަބަބުން ދިމާވެފައި ހުރި ކަންކަމެވެ. މީގެ އިތުރުން ތެޔޮ އަޅަން ގޮސް ކޭޝް ކާޑުން ފައިސާ ނުދެއްކިގެން އެތައް ބަޔަކު އެތާ ތާށި ވެފައި ވެއެވެ. ކޮންމެވެސް ރައްޓެއްސަކަށް ގުޅައިގެން ފައިސާ ގެނެސްގެން ފައިސާ ދައްކަނީ އެވެ. ނޫނީ ފޯނު ނުވަތަ ކޮންމެވެސް އަގު ބޮޑު އެއްޗެއް ބާއްވާފައި ފައިސާ ބަލާ ގެއަށް ދާން ޖެހެނީ އެވެ. ޓެކްސީގައި ދާ މީހާވެސް މިފަދަ ހާލެއްގަ އެވެ. ފިހާރައަކަށް ވަދެ ދެއަތް ފުރެން ދެން ބޭނުންވާ މުދާ ކޮތަޅަށް އަޅާ ފައިސާ ދައްކަން ބަލާއިރު ކާޑުން ނުކެނޑެއެވެ. ގެޔަށް ދާން ޖެހެނީ ހުސް އަތާ އެވެ. މިނޫނަސް އެތަކެއް ތުރާލެއް މިކަމުގެ ސަބަބުން އަންނަނީ އާންމުންނަށް ކުރިމަތިވަމުންނެވެ.