ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ބޭސްފަރުވާއަށް އަލީ ވަހީދު އަށް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދިނީ އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ.

Ad
rt

މުއްދަތު ހަމަވިއިރު ވެސް، އަލީ ވަހީދު އެނބުރި ވަޑައިނުގަތުމުން އަޑުބަރޭ އަށް ފިޔަވަޅު އަޅައިދޭން ދައުލަތުން އެދުނަސް، ކްރިމިނަލް ކޯޓުން ކުރިން ވަނީ އޭނާ އަށް ފިޔަވަޅު ނާޅަން ނިންމާފައެވެ. އެ ނިންމުން އެފަހަރު ނިންމީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މިއަދު ކުރިމިނަލް ކޯޓުން ލައިވްކޮށް ބޭއްވި އަޑުއެހުމެއް ވަނީ އަލީ ވަހީދުގެ ވަކީލުންނާއި އޭނާގެ މައްޗަށް ޖާމިނުވި އަސްހަދު ހާޒިރުކޮށްފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު އަޑުއެހުމުގައި ވިދާޅުވި ގޮތުގައި, އަލީ ވަހީދަށް ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށެވެ. ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވަނީ ސުޕްރީމް ކޯޓުގެ އަމުރާއެކު މައްސަލާގެ އަޑުއެހުންތައް ދެން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަލީ ވަހީދު ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ކުރިމިނަލް ކޯޓަށް ހާޒިރުވާން ގާޒީ ވަނީ އަންގަވާފައެވެ.

އަލީ ވަހީދަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނީ އަސްހަދު ޖާމިނުވެ, އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށްވާތީ, 72 ގަޑިއިރު ތެރޭ އަލީ ވަހީދު ހާޒިރު ނުވެއްޖެނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.