ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ދޭ އެލެވެންސް ބޮޑުކުރަން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާއީދު ކުރަށްވައިފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި ވަނީ އޮންލައިން ޕެޓިޝަނެއް ހިންގަންފަށާފައެވެ.
އެ ޕެޓިޝަން ހިންގަންފެށި ޚަބަރަށް ކޮމެންޓް ކުރަށްވަމުން މެންބަރު ނިހާދު ވިދާޅުވެފައި ވަނީ، އެ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އޭނާ ތާއީދު ކުރަށްވާ ކަމަށެވެ. މިއީ މި ޕެޓިޝަނަށް ފާޅުގައި ފުރަތަމަ ތާއީދުކުރެއްވި ރައްޔިތުންގެ މަޖިލިސް މެންބަރެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި ހިންގަންފަށާފައިވާ އޮންލައިން ޕެޓިޝަނަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލި ޢިނާޔަތް އިތުރުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ހުށަހަޅާ ޕެޓިޝަނެކެވެ.
އެލަވަންސް ބޮޑު ކުރަން ތާއީދު!
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 23, 2021
މިޕެޓިޝަންގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނު ނަމްބަރު 8/2010 ގެ 26 ވަނަ މާއްދާއިން ލިބިދޭ -/2000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ކަމުގައި ނުދެކޭކަމަށެވެ.
18 ވަނަ މަޖިލީހުގެ ދައުރުގައި މި އެލަވަންސް ބޮޑުކުރަން އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު، މިހާރު ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމު ބިލެއް ހުށަހެޅުއްވިއެވެ. ނަމަވެސް އެ ބިލު ވަނީ މަޖިލީހުގައި ކުރިއަށް ނުގޮސްފައެވެ.
އޭގެފަހުން އޭރުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް މި އެލަވަންސް ބޮޑުކުރަން ބިލެއް މަޖިލީހަށް ހުށަހެޅުއްވިއެވެ. ނަމަވެސް އޭރުގެ ޕީޕީއެމް ސުޕާމެޖޯރިޓީން ވަނީ މަޖިލީހަށް މާލީކަންކަމާބެހޭ ބިލުތައް ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށްކަމަށް މަޖިލީހުގެ ޤަވާޢިދަށް ބަދަލުގެނެސް އެ ބިލުވެސް ފެއިލް ކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!