ފައިސާ ޗާޕުކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމައި ޤައުމު ހިނގާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފައިސާ ޗާޕްކުރުމަށް ދީފައިވާ މުއްދަތު ދަންމާލުމާބެހޭ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.
އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖީލީހަށް ބަޖެޓް ފޮނުއްވިއިރު، ބަޖެޓާއެކު ސަޕްލިމެންޓަރީ ބަޖެޓަކާއި، އިތުރަށް ފައިސާ ޗާޕްކުރަން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ކުރެއްވީ ވެސް ޤާނޫނު އަސާސީއާއި ޚިލާފަށް ޚަރަދު ކުރެއްވުމަށް ފަހުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދިވެހި ފައިސާ ޗާޕްކޮށް ބޭނުންކުރަމުން ދަނީ ހިތުހުރި ގޮތަކަށް ކަމަށާއި، ކޮމެޓީ ރިޕޯޓުގައި ދިރާސާކަމަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ފާހަގަކުރެއްވީ ދެކަމެއް ކަމަށެވެ.
"އެއީ 2022 ވަނަ އަހަރު 723 މިލިއަން ރުފިޔާ އިތުރަށް ހޯދަން ހަރުދަނާކަމާއެކު މަސައްކަތްކުރާ ވާހަކަ، އެއްވެސް ދިރާސާއެއްނުކޮށް ވިދާޅުވި ވިދާޅުވުމެއް، ދެވަނަ އަށް ފައިސާ ޗާޕްކުރީމަ ޑޮލަރަށް ބާރު ބޮޑުވެއޭ، ތަކެތީގެ އަގު އެބަބޮޑުވެއޭ، ރައްޔިތުން ބަނޑަށް ޖައްސަނީ އެނގިތިބެ" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ ފަހަރަކު ފައިސާ ޗާޕުކުރަން ހުއްދަ ހޯދަން އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ފުރަތަމަ ޖެހެނީ ރައްޔިތުންނަށް ކާންދޭކަށް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވިދާޅުވާ ކަމަށެވެ.
"ގައުމު ބަނޑަށް ޖެހުމުން ސަލާމަތްކުރާކަށް ނޫންހޭ، އެހެންވީމަ ފައިސާ ޗާޕްކުރަންޖެހެނިއްޔޭ ވިދާޅުވާނެ، އަޅުގަނޑަކަށް ނުފެނޭ، އިއްޒަތްތެރި ރައީސް މިހާރު ކޮމްޕިއުޓަރެއް ވެސް ބޭނުމެއްނުވޭ، މިހާރު ބޭނުންވަނީ ފައިސާ ޗާޕްކުރާ މެޝިނެއް ރައީސް އޮފީހުގައި ބަހައްޓަން، އެތާ ފުރާޅުމަތީ ބެހެއްޓީމަ ގައުމު ހިނގާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ،" ޝިޔާމް ވިދާޅުވިއވެ.
އޭނާ ވިދާޅުވީ، އޮތީ ފައިސާ ޗާޕްކުރުން ކަމަށާއި ނޫނީ އޮތީ ބަނގުރޫޓްވުންކަމަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ވިދާޅުވިކަމަށާއި، އެއީ ރައްޔިތުން "ގަން ޕޮއިންޓްގައި" ބޭތިއްބުންކަމަށެވެ.
ޝިޔާމް ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އޮތީ އެންމެ ގޮތެކެވެ. އެއީ ރައްޔިތުން ނުކުމެ ގާނޫނީ އިމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުންކަމަށެވެ.
ސަތޭކަ މިލިއަނަށްވުރެ ގައުމުގެ ދަރަނި މަތިވެ، ގައުމުދަނީ އަޑިއަށްކަމަށާއި، 2023 ވަނަ އަހަރު އަނބުރާ ޕީޕީއެމް ވެރިކަމަށް އައިސް ގައުމު ނަގަންޖެހޭނީ ކިހާ ހިސާބަކަށް ކަމެއް ވެސް އެނގިވަޑައިނުގަންނަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!