ހއ. ފިއްލަދޫ ކައުންސިލާއި އެ ރަށު އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ފިރިހެނުންނަށް ފުޓްބޯޅަ އަދި ކަނބަލުންނަށް ނެޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ދެ މުބާރާތް ވެސް ފެށުމަށް މިހާރު ތާވަލު ކޮށްފައު ވަނީ އަންނަ ޑިސެމްބަރ މަހުގެ 25 ވަނ ދުވަހުއެވެ.

Ad
rt

މި މުބާރާތާއި ގުޅޭގޮތުން ފިއްލަދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ފުޓްބޯޅަ މުބާތާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓީމްތައް ރަޖިސްޓަރީ ކުރާއިރު ޓީމްތައް އެކުލަވާލުމުގައި ގެންގުޅެންޖެހޭނެ ބައެއް އުޞޫލުތައް ވެސް ހިމަނާފައެވެ. މިގޮތުން އެކުލަވާލާ ޓީމުގައި 14 އަހަރާއި 18 އަހަރާއި ދެމެދު، އުމުރުގެ 4 ކުޅުންތެރިންނަށް ވުރެ ގިނައިން ނުހިމެނޭނެ ކަމަށާއި، އަދި 19 އަހަރާއި 25 އަހަރާއި ދެމެދު އުމުރުގެ ގިނަވެގެން ހިމެނޭނީ 02 ކުޅުންތެރި ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރުން 26 އަހަރުން މަތީގެ ގިނަވެގެން ހިމެނޭނީ 5 ކުޅުންތެރިންކަމަށް ބުނެފައުވާއިރު، ރަށުން ބޭރު ކުޅުންތެރިން އެންމެ ގިނަވެގެން ހިމެނޭނީ ތިން ކުޅުންތެރިންނެވެ.

ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މަދުވެގެން 5 ޓީމް ބައިވެރިވެއްޖެ ނަމައެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީހާއި ހަމައަށް މަދުވެގެން 05 ޓީމް ބައިވެރި ނުވެއްޖެނަމަ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މުބާރާތް ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިން ޓީމްތަކަށް ބަހާލައިގެން 5 ޓީމް ހަމަވާ ނަމަ ކަމަށް އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 12:00 އަށް އެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 25 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފިއްލަދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ހޭންޑް ބޯލް މުބާތާރުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 30 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އެ އިދާރާއަށް ހުށައެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.