ބާސެލޯނާގެ ކޯޗުކަމުގައި ހުރި ރޮނާލްޑް ކޫމަން ދުރުކުރުމަށް ފަހު އެ ޓީމްގެ ކޯޗުގެ މަޤާމަށް ހަމަޖެއްސި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި އެސްޕަނިޔޯލްއާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވިނަމަވެސް ބާސާގެ އިލީއާސް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ޖޯޑީ އަލާބާ އެސްޕަނިޔޯލްގެ އޭރިއާގެ ތެރެއަށް ތިރިން ހުރަސްކޮސްދިން ބޯޅަ އިލީއާސް ހުހަށްހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައި ވަނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ބާސާއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ މެންފިސް ޑިޕާއީއެވެ. ބާސާއަށް ޕެނަލްޓީ ލިބިފައި ވަނީ އެސްޕަނިޔޯލްގެ އޭރިއާގެ ތެރެއިން ޑިޕާއީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މި ނަތީޖާއާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ލިބިފައިވަނީ 13 މެޗުން 20 ޕޮއިންޓެވެ. މެޗުންބަލިވި އެސްޕަނޮޔޯލް މިވަގުތު އޮތީ ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.
ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ހޮނިހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވޭސްއާއި އެއްވަރުވި ސެވިއްޔާއެވެ. މި ދެ ޓީމް ބައްދަލުކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ސެވިއްޔާ އެއްވަނާގައި އޮތީ 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. 13 މެޗުން 28 ޕޮއިންޓް ހޯދައިގެން ރެއާލް ސޮސިއެޑާޑް ދެވަނާގައި އޮތްއިރު، ތިންވަނާގައި 12 މެޗުން 27 ޕޮއިންޓް ލިބިގެން އޮތީ ރެއާލް މެޑްރިޑެވެ. މިރޭ ރެއާލް މެޑްރިޑާއި ގްރެނާޑާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!