އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ވޮޓްފޯޑުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައި ވަނޯ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވޮޓްފޯޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށް ހެދުނު ގޯހެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ޔުނައިޓެޑްގެ އޭރިއާގެ ތެރެއިން އެ ޓީމްގެ މެކްޓޮމިނޭ ވޮޓްފޯޑްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ވޮޓްފޯޑަށް ޕެނަލްޓީއެއް ދީފައެވެ. އިސްމާއިލާ ސާ ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ދިފާއުކުރި ނަމަވެސް ރީބައުންސްގައި އެ ވޮޓްފޯޑުން ވަނީ އެ ބޯޅަ ޔުނައިޓެޑްގެ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ލަނޑު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބެލުމަށް ފަހު ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ވޮޓްފޯޑްގެ ކުޅުންތެރިން އޭރިއާގެ ތެރެއަށް ވަދެފައިވުމުން ރެފްރީވަނީ ދެވަނަ ފަހަރަށް އެ ޕެނަލްޓީ ޖަހަން ވޮޓްފޯޑަށް ފުރުޞަތު ދީފައެވެ. އެ ފަހަރު ވެސް އިސްމާއިލާ ސާ ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ވެސް ވޮޓްފޯޑުންނެވެ. މި ލަނޑު 28 ވަނަ މިނެޓުގައި އެމެނުއަލް ޑެނިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯޝުއާ ކިންގްއެވެ. ވޮޓްފޯޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 44 ވަނަ މިނެޓުގައި ކިކޯ ފެމޭނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އިސްމާއިލާ ސާއެވެ.

ޔުނައިޓެޑުން މެޗުގެ ދެވަނަ ހާފު ފެށީ ރަޝްފޯޑްގެ ބަދަލުގައި މާޝިއަލް، މެކްޓޮމިނޭގެ ބަދަލުގައި ވެން ޑީ ބީކް ޓީމްގައި ހިމަނައިގެންނެވެ. ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެން ޑި ބީކެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑުން ކުރަމުންއައި މަސައްކަތަށް ހުރަސްއެޅިގެން ދިޔައީ މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން މެގުއާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.

ޔުނައިޓެޑުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ވޮޓްފޯޑުން ވަނީ ވަރަށް ރަނގަޅަށް ނަގާފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގ ފަހު ވަގުތު އިތުރު ދެ ލަނޑުޖަހައި ޔުނައިޓެޑް ލަދު ގަންނަވާލާފައެވެ. އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު 92 ވަނަ މިނެޓުގައި ޕެޑްރޯ ކާމިޔާބު ކޮށްދިންއިރު ހަތަރުވަނަ ލަނޑު 96 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމެނުއަލް ޑެނިސްއެވެ. މި ސީޒަންގައި ޔުނައިޓެޑްގެ ޑިފެންސް ލައިނުން ފެންނަމުނ އަންނަ ދަށް ކުޅުން މި މެޗުގައި ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މި ނަތީޖާއާއިއެކު ޔުނައިޓެޑް ވަނީ ޕޮއިންޓް ތާވަލުގެ ހަތްވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ލިބިފައި ވަނީ 12 މެޗުން 17 ޕޮއިންޓެވެ. މެޗުން މޮޅުވި ވޮޓަފޯޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 12 މެޗުން 13 ޕޮއިންޓެވެ.