ކްރޫޒް ލައިނާތަކުން ނަގާ ޕައިލެޓޭޖް ފީ ބޮޑު ވެގެން އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެފަދަ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދާނެ ކަމަށްވެސް ބުންޏެވެ.

Ad
rt

އެމްޕީއެލް އިން ބުނީ، އެ ކުންފުނިން ފާއިތުވި ތިން ހަތަރު އަހަރެއްގެ ތެރޭގައި ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޕައިލެޓޭޖް ޗާޖަށް ގެނެސްފައިވާ ބަދަލު ހިމެނޭ ކަމަށެވެ. އެގޮތުން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާ އެކު މަޝްވަރާގެ މޭޒަށް އަރައި އެކަމާ ގުޅޭ މައުލޫމާތު އެ ކުންފުނިން ހިއްސާކުރި ކަމަށާއި، އެއިރުވެސް އަދި މިހާރުވެސް ކްރޫޒް ލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް، އަދި ކަންބޮޑުވުމެއް އެ ކުންފުންޏަށް ހުށަހަޅާފައި ނުވާ ކަމަށް ބުންޏެވެ.

ކޯވިޑަށްފަހު ކްރޫޒް ލައިނާތައް ރާއްޖެ އަންނަން އެއްވެސް ކަހަލަ ދަތިކަމެއް ނުވަތަ ކަންބޮޑުވުމެއް ހުރި ކަމުގެ އިޝާރާތެއް ވެސް އެ ކުންފުންޏަށް ލިބިފައިވާ ނުވާ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނިން އިން ބުނީ، ޕައިލެޓޭޖް ފީ ނަގަމުން އައީ އެ ކުންފުނިން ކުރީގައި ހެދިފައިވާ ޓެރިފް ރޭޓާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އިތުރު މަޝްވަރާއާ އެކު އެ ކުންފުނިން ބޯޓުފަހަރުގެ ޓަނޭޖް ސައިޒް ގިންތި ތަކަށް ބަހާލާފައިވާ ކަމަށާއި، އަދި މި ގިންތިތަކާއި އެކަށީގެންވާ ޓެރިފް ރޭޓެއް ހަމަޖައްސައި އެއާ އެއްގޮތަށް ޕައިލެޓޭޖް ޗާޖު ނަގާ ކަމަށެވެ. އަދި މިހާރު ނަގާ ޕައިލެޓޭޖް ފީއަކީ އަވަށްޓެރި ސަރަހައްދީ ޕޯޓުތަކުން ނަގާ އަދަދަށް ވުރެ ކުޑަ އަގެއް ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.