ހއ.ބާރަށުގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ.
ބާރަށު ސްކޫލާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް، 17 ނޮވެމްބަރ 2021 ވީ ބުދަ ދުވަހު ފަށާފައިވާއިރު މި ކޭމްޕްގައި ޖުމްލަ 78 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ބާރަށު ސްކޫލްގެ 36 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ބާރަށު ޒުވާނުންގް ތެރެއިން 42 ޒުވާނަކު ވެސް ވަނީ ބައިވެރިވެފައެވެ.
ޖުމްލަ 10 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕާއި ގުޅޭގޮތުން ތިލަދުން ނޫހާއި ވާހަކަފުޅު ދައްކަވަމުން ބާރަށު ސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވެފައި ވަނީ ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ކުރިއަށް ގެންދާ މަޤުޞަދުގެ ތެރޭގައި މި ކުޅިވަރަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށް ވެފައި މި ކުޅިވަރު ބާރަށުގައި ތަޢާރަފްކޮށް، ކުޅިވަރުގެ ޤަވައިދާއި އެއްގޮތަށް ކުޅެން ދަރިވަރުންނަށާއި ޒުވާނުންނަށް ދަސްކޮށްދިނުން ހިމެނޭކަމަށެވެ.
މީގެއިތުރުން ދަރިވަރުނާއި ޒުވާނުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމަކީ ވެސް މި ކޭމްޕްގެ މަޤުޞަދެއްގެ ގޮތުގައި އަމްޖަދު ވަނީ ފާހަގަ ކުރައްވާފައެވެ.
އަމްޖަދު ވަނީ މި ކޭމްޕް ފުރިހަމަކަމާއި އެކު ކުރިއަށް ގެންދިޔުމަށް ބާރަސު ޕޮލިސްގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެ ފަރާތަށް ވަރަށް ހާއްޞަ ޝުކުރެއް ދަންނަވާފައެވެ. މީގެ އިތުރުން މި ކޭމްޕް ކުރިއަށް ގެންދިޔުމުގައި ބާރަށު ފެނަކަ، ބާރަށު ކައުންސިލާއި އަދިވެސް އެހެނިހެން މުއައްސަސާތަކުގެ އިތުރުން ބާރަށު ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!