ވަގުންނާއި ފޭރޭ މީހުންނެވެ. ޙަރާމްގޮތުގައި ތިކެވެނީ އަލިފާނެވެ. ބިރުވެތިވޭ!

money

މުދަލާއި، ފައިސާއަށް އިންސާނާގެ ހިތް ލެނބުމަކީ ޠަބީޢީ ކަމެކެވެ. އެތަކެއްޗަކީ، އިންސާނާ ނުހަނު ބޮޑަށް ލޯބިކުރާ ތަކެއްޗެވެ. އިންސާނާ މުދަލަށް ލޯބި ކުރިނަމަ ވެސް، ޙަރާމެއް ޙަލާލެއް ނުބަލައި މުދާ ހޯދުމާއި، ފައިސާވެރިވުމަކީ، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެކެވެ. އެއީ އެމީހަކު ކުރާ އަޅުކަމަކަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެކެވެ.

ހޯދާ ފައިސާ އާއި ތަނަވަސް ކަމަކީ ﷲ ޙަލާލު ކުރެއްވި ގޮތުގައި ހޯދި އެއްޗެއްތޯ ކަށަވަރު ކުރަން ޖެހެއެވެ. އަނބިދަރިންނަށް ކާންދެވެނީ ޙަލާލު ތަކެތިތޯ ބެލުން ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ވެގެންވެއެވެ. އަނބިދަރިންނަށް ދޫކޮށްފައި ދިޔަ މުދަލަކީ ޙަލާލު އެއްޗެއް ކަމުގައި ވޭތޯ ބެލުމަކީ، ކޮންމެ ފަރުދަކުވެސް ކުރަން ޖެހޭ ކަމެކެވެ.

މަސައްކަތްކުރުމަކީ މާތްވެގެންވާ އިސްލާމް ދީން ނުހަނު ބޮޑަށް ބާރު އަޅާކަމެކެވެ. ކަންނެތްކަމާއި، ސަލާމް ޖެހުމަކީ، ދުރުހެލިވާން ޖެހޭ ކަންކަމެވެ. ދަހިވެތިކަމަކީ، ނިކަމެތިކަމެކެވެ. އިސްރާފު ކުރުމަކީ ޙަރާމް ކަމެކެވެ. އަޅުގަނޑުމެން ފައިސާ ހޯދަން ޖެހޭނީ ހަލާލު ގޮތުގައެވެ. އަދި އެ ފައިސާ ހޭދަކުރަން ޖެހެނީ ވެސް ހުއްދަކަންތަކުގައާއި، ހުއްދަ ގޮތުގައެވެ.

މިއަދު މުޖުތަމަޢުގެ ހާލަތަށް ބަލާލާއިރު ވަގުން ނެތްތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމާދަށް މިސްކިތައްއަރާ ފައިބާއިރު ފައިވާނެއް ނުހުރެއެވެ. މާރުކޭޓަށް ވަނަސް ޖީބުގައި އޮންނަ ވޮލެޓު ގެއްލެނީ އެވެ. މަގުމަތިން ހިނގާފައި ދާއިރު ރަހީނުކޮށްގެން ގެންދަނީއެވެ. ތޫނު ހަތިޔާރު ދިއްކޮށް ބިރުދައްކާ ހަމަލާ ދެނީއެވެ. ހޭނައްތާލާ އަނިޔާކޮށް އަލިފާން ޖައްސައިގެންވެސް ފައިސާއެއް ހޯދޭނެގޮތެއް ހޯދަނީ އެވެ. ބޮޑެތި ތަޅުތައް އަޅުވާފައި ހުއްޓަސް ކެމެރާތަކާއި ސެކިއުރިޓީ ކިތަންމެ ވަރުގަދަކޮށްފައި ހުއްޓަށް ފުރާޅުން ޓިނުނަގައިގެންވެސް ވައްކަން ކުރަނީ އެވެ. ކެމެރާއަކަށް އެރިޔަސް ފަރުވާލެއްނެތެވެ. ރޯމާ ދުވާލު މީހަކަށް ފެނިދާނެތީ ބިރެއްނެތިއެވެ.

ޒަމާނީ އެކި އެކި ވަސީލަތްތަކުގެ ފަސޭހަ ވަގުން ބޭނުން ކުރަނީ އެވެރިންގެ މަޅީގައި މީހުން ޖެއްސުމަށް ގެންގުޅޭ އާގޮތެއްގެ ގޮތުގައެވެ. ފިލާތިބެ މީހުންގެ ފޭސްބުކް އާއި އެހެނިހެން ވަސީލަތްތަކަށް ވަދެގެންް އެހެންމީހުންގެ މަޢުސޫމު ކަން، މޫނުމަތީގައި އަޅައިގެން މީހުން ވާވައްދަނީ އެވެ. ފޭސްބުކް އައިޑީތައް ހެކްކޮށްގެން ވަގުންގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމަށް އެދެނީ އެވެ. އެހީއަށް އެދިފައި ހުންނަ ނިކަމެތިންގެ ފޮޓޯ ބޭނުންކޮށްގެން ފޭރެނީ އެވެ. ފޭކް އެކައުންޓް ސްލިޕްތައް ފޮނުވައިގެން ވައްކަން ކުރަނީ އެވެ. ޑޮލަރުވިއްކުމާއި މިފަދަ އެކި މުއާމަލާތް ތަކުގައި މަކަރު ހަދަނީ އެވެ. ކޭޝް ކާޑު މެދުވެރިކޮން އެކައުންޓްގައި ހުންނަ ފައިސާ ފޭރެނީ އެވެ. އިމާރާތްތަކާއި އެކި ތަންތަން ކުއްޔަށް ދޭނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ފޭރެނީ އެވެ.

މިލިސްޓަކީ ކިޔާ ކޮޅުން ލާނެ ލިސްޓެއް ނޫނެވެ. ކޮންމެ ދުވަހެއްގެ އެކި ސުރުހީތަކުން މިއީ މިއަދު އާންމުވެފައިވާކަމެއްކަން ހާމަވެއެވެ. ދެދުވަހަކު އެވާހަކަ ދައްކާލުމުން އެކަން ނިމުނީ އެއް ނޫނެވެ. މިކަމުގެ ހިތި ލިބިފައިވާ ފަރާތްތަކަށް އެއީ ފޫނުބެދޭ ވަރުގެ ގެއްލުމެކެވެ. ނަފްސާނީގޮތުން ބަލިކޮށްލާ ބޮޑު ބަލިމަޑުކަމަށް މިކަން މިވަނީ މި މުޖުތަމަޢުގައި ވެފައެވެ. އިތުބާރު ކުރަންނީ ކާކަށް ކަމެއް ނޭންގެއެވެ. ތެދެއްކަމެއް ދޮގެއް ކަމެއް ވަކިނުވެއެވެ. އެހީއެއް ވިޔަސް އެހީ ދަނީ އެހީތެރިކަން ބޭނުންވާ މީހާގެ ޖީބަށްކަމެއް މިއަދު ޔަގީނެއް ނޫނެވެ. ވަގުންގެ މަޅިތައް މިއަދު މިވަނީ ގައުމުގެ އެކި ދިމަ ދިމާއަށް މޫލާފަ އެވެ. ބިރުވެތިވާ ދަރަޖަ އަށެވެ.

މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެކެވެ. ކޮންމެ މީހަކުވެސް ދުންޔަވީ ޙަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ހޯދުމަށެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން، ފައިދާ ނަގަމުންދާއިރު އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލަން ހެއްޔެވެ؟ މާތް ﷲ ޙަރާމް ކުރައްވާފައިވާ އުޞޫލުތައް އިޚްތިޔާރުކޮށްގެން ހޯދާ ފައިސާ ހޭދަކުރަމުން ގެންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫންހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ޙަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު މިކަމުގެ ނުބައިކަމާ މެދު ވިސްނާލިންހެއްޔެވެ؟ މާތްނަބިއްޔާ ދެއްވާފައިވާ އިސް އިރުޝާދު ނިކަން އަޑު އަހާށެވެ.

"ޙަރާމް އެއްޗެއް ކައިގެން މަސްޖަހާފައިވާ ހަށިގަނޑު ސުވަރުގެ ނުވަންނަހުއްޓެވެ. އެ ހަށިގަނޑަށް އެންމެ އައުލާކަން ބޮޑީ އަލިފާނެވެ."

އެހެންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަނބިދަރިން ކާން ބޭނުންކުރާ ތަކެއްޗާއި، އެހެނިހެން ކަންކަމަށް ބޭނުންކުރާ ތަކެއްޗަކީ، ﷲ ހުއްދަ ކުރައްވާފައިވާ ގޮތަށް ހޯދާ ތަކެތި ކަމުގައި ވުމަކީ ލާޒިމް ކަމެކެވެ. ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މުދަލާއި ތަނަވަސްކަން ހޯދުމަކީ، އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. އިސްލާމް ދީނަކީ، ހުއްދަ ކުރައްވާފައިވާ ގޮތަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަށް ހިތްވަރުދޭ ދީނެކެވެ. ތަރައްޤީ އާއި، ތަހުޒީބަށް އިސްކަންދޭ ދީނެކެވެ.

ރިޒްޤު ހޯދުމަށްޓަކައި، މަސައްކަތް ކުރުމަކީ، އެކަލާނގެ ހެއްދެވި މަޚްލޫޤުންގެ ކިބާގައި ލައްވާފައިވާ ފިޠުރީ ކަމެކެވެ. ކޮންމެ ދުވަހަކު ހެނދުނު، ކޮންމެ މީހަކު ވެސް އެކަމަށްޓަކައި އަވަސްވެގަންނަތަން ފެނެއެވެ. ކޮންމެ މީހަކު ވެސް އެމީހަކަށް މިންވަރު ކުރައްވާފައިވާ ރިޒްޤު ލިބޭތޯ މަސައްކަތް ކުރެއެވެ. އެމީހަކަށް އެނގިފައިވާ މަސައްކަތެއް ކޮށްގެންނެވެ. ނުވަތަ އެމީހަކަށް ލިބިފައިވާ މުދަލެއް ހޭދަކޮށްގެންނެވެ. ވައްކަމާއި ފޭރިގެންނެއް ނޫނެވެ.

މިއީ ހުރިހާ މަޚުލޫޤުންގެ ވެސް ޙާލެވެ. ދޫނިސޫފާސޫފި ވެސް ހެނދުން ވުމުން އެ ސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، އެ ސޮރުމެންގެ މައްޗަށް މާތް ﷲ އެ ދުވަހަށް ކަނޑައަޅުއްވާފައިވާ ރިޒްޤު ހޯދުމަށެވެ. އެހެންކަމުން ކާމިޔާބު މީހަކީ، މަސައްކަތުން އޭނާގެ ޙަޔާތް އާރާސްތު ކުރާ މީހާއެވެ. އޭނާގެ ނިތްކުރިން އޮހޮރޭ ދަލުން އޭނާގެ އުއްމީދުތަކުގެ އޮށްތަކަށް ފެންދީ ހައްދާ މީހާއެވެ. އޭނާގެ ރިޒުޤު ހޯދުމުގައި މާތް ކޮށްގެންނެވެ. މާތް ﷲގެ ތައުފީޤާއި، ބަރަކާތް ލިބުން އެދި، މާތް ﷲ އަށް ދަންނަވައި، އެކަމަށް ކުރިމަތިލައިގެންނެވެ. ނުހައްގުން މީހެއްގެ ހައްގެއް ފޭރިގަނެގެންނެއް ނޫނެވެ. އޮޅުވާލާއި ތިމާގެ މަކަރުގައި ޖައްސައި ފޭރިގަނެގެންނެއް ނޫނެވެ. ހަތިޔާރު ދިއްކޮށް ބިރުދައްކާ ރަހީނުކޮށްގެންނެއް ނޫނެވެ.

ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ފަޤީރުންނަށާއި، މުހުތާދުވެރިންނަށް ހޭދަކުރުން ހިމެނެއެވެ. ދަތިޙާލު ޖެހިފައިވާ މީހަކަށް ލުއިފަސޭހަކޮށްދިން މީހާއަށް، މާތް ﷲ ލުއިފަސޭހަ ކޮށްދެއްވާނެތެވެ. ކަންބޮޑުވެފައިވާ މީހެއްގެ ކަންބޮޑުވުން ފިލުވައިދިން މީހާގެ ކަންބޮޑުވުންތައް ﷲ ފިއްލަވައި ދެއްވާނެތެވެ. ﷲގެ އަޅުތަކުން ކުރިމަތިވެފައިވާ ބުރަތަކުން އެމީހުން ސަލާމަތްކޮށްދިނުމަށް މަސައްކަތް ކުރާށެވެ. ތިޔަބައިމީހުންގެ ޞަދަޤާތްތަކުން، ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދޭށެވެ. ތިމާގެ މަޅީގައި މުހުތާދުވެރިން ނާއި ފަގީރުން ބޭނުން ނުކުރާށެވެ. ކަންބޮޑުވެފައިވާ ބައެއްގެ ކަންބޮޑުވުން އިތުރުކުރުމުގެ ނުބައިކަމާއިމެދު ބިރުވެތިވާށެވެ. ފަޤީރުންނާއި ޔަތީމުންގެ ބަދުދުޢާ ލިބޭފަދަ ކަންކަމުގައި އެމީހުން ނިވާފަތްގަނޑަކަށް ބޭނުން ނުކުރާށެވެ.

ތެދުވެރިކަމާއެކު ރިޒްޤު ހޯދަން އެދޭ މީހާ، އެކަމަށްޓަކައި ހިއްމަތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހެއްގެ ކިބައިން ކަންނެތްކަން ފުހެލަން ޖެހޭނެއެވެ. ދުވަހަކު ވެސް، އުޑަކުން ރަނާއި ރިއްސެއް ރަނާއި ރިއްސެއް ނުވެއްސަވާނެތެވެ. އެމީހެއްގެ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތް ކުރާ މީހަކީ، މާތް ﷲގެ މަގުގައި ޖިހާދު ކުރާ މީހެއް ފަދަ މީހެކެވެ. ރިޒްޤު ހޯދުމަށްޓަކައި، ޙައްޤު ގޮތުގައި މަސައްކަތް ކުރާ މީހާއަށް މާތް ﷲ ބަރަކާތް ލައްވާނެތެވެ. އޭނާ އޭނާގެ އުއްމީދުތަކާ ހަމައަށް ވާޞިލުކޮށް ދެއްވާނެތެވެ. މަސައްކަތެއް ނުކޮށް ދިރިއުޅުމުގައި އެހެން މީހުންނަށް ބަރޯސާވާ މީހަކަށް ނުވެ މަސައްކަތްކުރާ މީހަކަށް ވާށެވެ. އަމިއްލަ އަތުން ކުރާ މަސައްކަތުން ކައިބޮއި އުޅޭ މީހަކަށް ވާށެވެ. ވައްކަމާއި ފޭރިގެން ހޯދާ ފައިސާ އަކީ ސީދާ އަލިފާނެވެ. އެފައިސާއިން ގަންނަ ސެންޓަކުން މިއަދު މީރުވަސް ދުވާފާނެއެވެ. ނަމަވެސް މަރުވުމަށްފަހު އެއިން ދުވާނެ ވަހާއި މެދު ވިސްނާ ފިކުރު ކުރާށެވެ.

އާޚިރަތްދުވަހު އިރު ހުންނަހުށީ މީސްތަކުންނާ ނުހަނު ކައިރީގައިކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. އިރުގެ ގަދަ ހޫނުގައި، ގައިން ހިއްލާ ދަލުގައި ބަޔަކު ޣަރަޤުވެފައި ތިބޭ ހުއްޓެވެ. ތަނބިކައްޓާ ހަމައަށާއި، ކަކުލާ ހަމައަށާއި، މޭމައްޗާ ހަމައަށާއި، އަދި ކަރާ ހަމައަށް، މީހުން ގެނބިފައި ތިބޭ ހުއްޓެވެ. ޤިޔާމަތްދުވަހު ހިސާބު ބެއްލެވުމާއި ނިޔާ ކަނޑައެޅުއްވުމުގައި އެއްވެސް ބޭއިންސާފު ކުރެއްވުމެއް ނުވާނެއެވެ. އެދުވަހަކީ ޢަދުލަށް ހިސާބު ބައްލަވައި، ޙައްޤަށް ނިޔާކަނޑައަޅުއްވާ ދުވަހެވެ. މިއަދު ބާރާއި ނުފޫޒުން ވައްކަމާއި ފޭރުމުގެ މައްސަލައެއްގައި ފިލައިގެން އުޅެވިދާނެއެވެ. ހައްޔަރުނުވެ ނުބައި އަމަލު ކުރުން މަތީ އުޅެވި ދާނެއެވެ. ނަމަވެސް އެދުވަހުން މިއަދު ކުރިއަމަލަކާއި ކުރިމަތި ލާންޖެހޭނެ ކަން ހަނދާން ކުރާށެވެ.

ކޮންމެ އިންސާނަކުމެ އޭނާކުރާ ޢަމަލުތައް ކީރިތިވަންތަ ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އެޢަމަލުތައް ލިޔެވިފައިވާ ފަތް އެދުވަހުން އެ އިންސާނާ ދެކޭނެއެވެ. ކިތަންމެކުޑަ ޢަމަލެއްވެސް އަދި ކިތަންމެބޮޑު ޢަމަލެއްވެސް އެމީހެއްގެ ޢަމަލުނާމާގައި ލިޔެފައިވާތީ އޭނާދެކޭނެއެވެ. މީސްތަކުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކޮށްފައިވާ ޢަމަލަކަށް ވިޔަސް މެއެވެ. ކެމެރާތަކަށް ނާރާ ސްކްރީން ތަކުގެ ފަހަތުގައި ތިބެ ވައްކަން ކުރެވިދާނެއެވެ. އިދާރާތަކަށް އޮޅުވާލައިގެން ފިލައިގެން އުޅެވޭނީ މިއަދު އެވެ.

ﷲގެ ރަޙްމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭނެ ވަސީލަތަކީ އޭނާ ކޮށްފައިވާ ހެޔޮޢަމަލު ކަމުގައިވާ ހިނދު، ތިމާގެ އަމިއްލަ ނަފުސަށް ހެޔޮ އެދޭމީހާ، ހެޔޮޢަމަލު ކުރުމުގައި ފަސްނުޖެހޭނެއެވެ. ބުއްދިވެރިއަކީ ހެޔޮޢަމަލު ކުރުމުގައި ކުރިއަރައިދާ މީހާއެވެ. ހެޔޮޢަމަލަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެކަލާނގެ މަނާކުރެއްވި އެންމެހައި ކަންތަކުން ދުރުވެ ރައްކާތެރިވުމެވެ. ޤިޔާމަތްދުވަހު އެމީހެއްގެ ޢަމަލުނާމާ އެމީހެއްގެ ކަނާތަށް ލިބިއްޖެ މީހަކީ ބާއްޖަވެރިއެކެވެ. އުފަލުންހުރެ އޭނާގެ އަހުލުވެރީންގެ ގާތަށް ސުވަރުގެއަށް ދާހުށްޓެވެ. އަދި އެމީހެއްގެ ޢަމަލުނާމާގައި ވައްކަމާއި ފޭރުމާއި މީހުންގެ ހައްގުތަކަށް އަރައިގެން ކައިބޮއިއުޅޭ މީހުންގެ ފޮތުގައި އެކަން ލިޔެވިގެން ދާނެއެވެ. ވަގުތުން ވަތުތައް އެއްވެސް ސެންޓެއް އުނިކުރުމެއްނެތި ލިޔެވިގެން ދާނެއެވެ. އެމީހެއްގެ ވައަތަށް ފޮތް ލިބިއްޖެމީހަކީ އަބާއްޖަވެރިއެކެވެ. އަނދަ އަނދާ ހުންނަ ނަރަކައަށް އޭނާ ވަންނާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.