މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންގެ ހުނަރާއި، ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް "އިހެމާ" އިއްޔެ އިފްތިތާހް ކޮށްފިއެވެ.

އިމިގްރޭޝަންއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ އިމިގްރޭޝަން އޮފިސަރުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށާއި، އާންމުންނަށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށާއި އަދި ރައްޔިތުންނާއި އޮންނަ ގާތްކަން ހަރުދަނާ ކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އެހީތެރިކަމާއި އެކުގައެވެ.

މި ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮތީ ކްލިކް ކޮލެޖްގައިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވީ އިމިގްރޭޝަން އޮފިސަރުންނަކީ "ސަނީ ސައިޑް އޮފް ލައިފް"ގެ ގޮތުގައި ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކޮށްދޭ ފަރާތްތަކަށް ވުމާއިއެކު "ސަނީ ސައިޑް"ގެ ފުރަތަމަ ފެށުމެއް ކަމަށް ވާން ޖެހޭނީ ހިނިތުންވުމާއިއެކު އޮފިސަރުން ކިޔާ މަރުޙާބާ ކަމަށެވެ.

މީގެއިތުރުން މި ޕްރޮގްރާމްއަށް "އިހެމާ"ގެ ނަމުން ނަން ދެވުނީ އެއީ ހުވަދޫ ބަހުން "އެންމެން އެކީގައި ހީލާށޭ "ބުނުމަށް ބޭނުން ކުރާ ލަފްޒަކަށް ވާތީ ކަން ކޮންޓްރޯލަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ނަމެއް ކިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މި ނަމާއި ގުޅިގެން "ކަސްޓަމަރ ރިލޭޝަން" ގެ ސިފަތައް ފަތުރުވެރިންގެ ހަނދާނުގައި ގިނަދުވަހަށް ހަރުލެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންޓްރޯލާގެ ވާހަކަފުޅު ނިންމަވާލައްވަމުން އޮފިސަރުން، އަބަދުވެސް ފުރިހަމަ ހިނުތުންވުމަކާއި އެކީ ފަތުރުވެރިންނަށް އަދި އިމިގްރޭޝަންގެ ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ޖަލްސާގައި "އިހެމާ"ބެޖް އިފްތިތާހް ކޮށްފައި ވާއިރު މި ޕްރޮގްރާމަކީ 12 ސެޝަނަކަށް ބަހާލައިގެން މި ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހުން އަންނަ ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ފާހަގަ ކޮށްލެވެއެވެ. އެއީ މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގައި ސެޝަނެއް އަދި ދެކުނުގައި ސެޝަނެކެވެ.

މިގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ޝެސަން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.