އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ހައްޔަރުކުރި ބިދޭސީ މީހާ ޝަރީޢާތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި 2021 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ހެނދުނު 10:36 ކަށްހާއިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ (29އ) އެވެ.

Ad
rt

ފުލުހުން މިއަދު ވިދާޅުވީ، ޝަރީއަތް ނިމެންދެން ޝާ އަލޮމް މިއާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އިއްޔެ ބަންދު މުރާޖައާ ކުރުމަށް ކޯޓަށް ގެންދިއުމުން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމުގައި ފުލުހުން މިހާރު ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށްފަހު އަންނަ ހަފްތާ ތެރޭ ޝާ އަލޮމް މިއާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އޮކްޓޯބަރު މަހު 14 ވަނަ ދުވަހު އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން އޮކްޓޯބަރު 24 ވަނަ ދުވަހުގެ ރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަަނީ، މަޙްމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެ ތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގައި ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ." ފުލުހުން ވިދާޅުވެފަވެއެވެ.

އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނޭ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، މަޙްމޫދު އަބޫބަކުރު މަރާލުމުގައި ޝާ އަލޮމް މިއާގެ އިތުރުން އިތުރު މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ފާހަގަކުރެވިފައެއް ނުވާކަމަށެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ ޝާ އަލޮމް މިއާ އަކީ ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެންގުޅޭ މީހެކެވެ. އެނާގެ މަޑުމައިތިރި މިޒާޖާއި، ނަމާދަށް ފަރުވާތެރިވުންފަދަ ކަންކަން ފެނިފައިވާތީ މި މައްސަލާގައި ސާލިމް ހައްޔަރު ކުރުމުން އެރަށު މީހުންނަށް ލިބުނީ ޝޮކެކެވެ.