ގުނަވަން ގަނެ ވިއްކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާކަމެއްކަމަށާއި ކިޑްނީ ގަތުމަށް އެހީ ދެވޭނެ އުސޫލެއް ނެތްކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އެކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކިޑްނީ ޓްރާންސްޕްލާންޓަށް ޑޯނަރެއްގެއަތުން ކިޑްނީ ގަތުމަށް އާސަންދަ ސްކީމްގެ ދަށުން އެހީ ދެވޭނެ އުސޫލެއް ނޯންނާނެކަމަށް ދަންނަވާކަމަށެވެ.
އާސަންދައިން މީގެ ކުރިން ވަނީ ކިޑްނީ ބަދަލުކުރުމަށް ޑޯނަރއެއް ހަމަޖެހުމުން ރާއްޖެއިން ބޭރަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް އެހީތެރިއަކާއިއެކު ދާން ދެކޮޅު ޓިކެޓާއި މެޑިކަލް ޚަރަދުތައް އޮންނަ އުސޫލުން ހަމަޖައްސައިދެމުންނެވެ.
މިފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެންސްޕާ މެދުވެރިކޮށް އެހީތެރިކަމަށް އެދުމުން، އެކަަމަށްވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެފައިވެއެވެ.
ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް އާސަންދައިން މިހާރު ފޮނުވަނީ ހަމައެކަނި އިންޑިއާއަށެވެ.
އާއިލާ މެމްބަރަކު ނޫން މީހެއްގެ ފަރާތުން ޑޮނޭޓްކުރާ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމަކީ އިންޑިއާގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އެހެންކަމުން އާއިލާ ނޫން މީހެއް ޑޯނަރެއްގެ ގޮތަށް ހަމަޖައްސައިގެން އިންޑިއާއިން އޮޕަރޭޝަން ކުރެވޭކަށް ނޯވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!