މިދިޔަ މަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް މުދާ އެތެރެ ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އެތެރެ ކޮށްފައެވެ. މިއީ މި ދެ އަހަރު ތެރޭގައި އެންމެ ގިނައިން މުދާ ގެނައި މަހެވެ.

Ad
rt

ކަސްޓަމްސް އިން ބުނިގޮތުގައި ކޯވިޑް-19ގެ ކުރިން އޮތް އިމްޕޯޓާ އެއްވަރަށް މިދިޔަ މަހު ވަނީ މޫދާ އެތެރެ ކޮށްފައެވެ. ކޯވިޑްގެ ކުރިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގެނައީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރީ އޮމާން އިންނެވެ. އެ ގައުމުން 512 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއިރު އިންޑިއާއިން 490 މިލިއަން ރުފިޔާ، ޔޫއޭއީން 438 މިލިއަން ރުފިޔާ، ޗައިނާއިން 437 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ.

އިމްޕޯޓު އިތުރުވިނަމަވެސް އެކްސްޕޯޓާއި އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 309 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރިއިރު މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓު ކުރީ 252 މިލިއަން ރުފިޔާގެ މުދަލެވެ.

މީގެ އިތުރުން އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 424 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރު ލިބުނީ 294 މިލިއަން ރުފިޔާއެވެ. މިއީ 31 އިންސައްތައިގެ ދަށްވުމެކެވެ.

މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި ލިބުނީ 2.7 މިލިއަން ރުފިޔާއެވެ.