މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުން ގަވާއިދާ ހިލާފުވާނަމަ ވަގުތު އެކަން އެންގުމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.

އާއްމު ރައްޔިތަކު ކުރި ޓްވީޓަކަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ ބަސް ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުންނަށް ޓްރެފިކް ގަވާއިދުތައް ކިޔައިދޭ ކަމަށެވެ. އެހެންވެ، ގަވާއިދާ ހިލާފުވާނަމަ އެކަން މެއިލްގެ ޒަރީއާއިން ނުވަތަ 1650 އަށް ގުޅައިގެން ތަފްސީލް މައުލޫމާތު ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

Ad
rt

އޭނާ ވިދާޅުވީ އަބަދުވެސް އެ ކުންފުންޏަށް އެންމެ މުހިންމުވާނީ މުވައްޒަފުންނާއި ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި އެ ކުންފުނީގެ މުވައްޒަފުން އޯގާތެރިކަންވެސް ގިނަބަޔަކަށް ވަނީ ފެނިފައެވެ. އެކްސިޑެންޓުވި މީހާއަށް ފަސްޓްއެއިޑް ފޯރުކޮށްދިނުމާއި ހޮސްޕިޓަލަށް ގެންދިއުމުގައި ވެދިން އެހީއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ރައްދުވެފައެވެ.

މީގެއިތުރުން އެމްޓީސީސީއަކީ ވަރަށް ފުޅާދާއިރާއެއްގައި ބަހުގެ ޚިދުމަތާއި، ފެރީގެ ޚިދުމަތް ފަދަ އެތައް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ ޒަމާނީ އުޅަނދުތައް ބޭނުންކުރަމުންދާއިރު، އުޅަނދުތަކުގެ ސާފުތާހިރުކަމަށާއި، އުޅަނދުތައް ބޭނުންކުރާ މީހުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. އަދި އެ ކުންފުނީގެ ޚިދުމަތްތަކުގައި ތިބޭ މުވައްޒަފުންނަކީ އެ ޚިދުމަތްތަކަށް އަހުލުވެރިކުރުވައި، ތަމްރީނުކޮށްފައިވާ މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.