ކ.ތިލަފުށިން ދޫކޮށްފައިވާ ބިންތައް ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާތީ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރްޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުއްޓަކީ މި ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތްކުރާ ވިޔަފާރި ހަބް ކަމަށްވާއިރު އެ ރަށުން ކުއްޔަށް ބިން ދޫކޮށްފައިވަނީ ވިޔަފާރިތައް ފުޅާކޮށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެތަންތަނުގެ ބޭނުން ހިފާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ނުކުރުމަށަ ތަކުރާރުކޮށް އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެޗްޑީސީން ބުނީ ތިލަފުށިން ބިން ދޫކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ތެރެއިންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ ކަންކަމަށް ހުރުމަތްތެރިކޮށް ނުހިތާ ނަމަ އެެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ.

"ނަމަވެސް ބައެއް ފަރާތްތަކުން މި ކޯޕަރޭޝަނުގެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުންގެންދާތީ، އާންމު މަސްލަހަތު ގެއްލި އެއް ފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއް ފަރާތުގެ މަސައްކަތައް ގެއްލުންވޭ،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ އެއްވެސް ބަޔަކު އެހެން ވިޔަފާރިތަކަށް ދަތިވާ ފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މީގެ ފަހުން އެފަދަ އަމަލުތައް ތަކުރާރުކޮށްފި ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.