އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ އެސްޓަން ވިލާގެ ކޯޗުކަމަށް އިންގްލެންޑްގެ ކުރީގެ މަޝްހޫރު މިޑްފީލްޑް ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ހަމަޖައްސައިފިއެވެ.
އުމުރުން 41 އަހަރުގެ ޖެރާޑް އެސްޓަން ވިލާގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ދަށް ނަތީޖާތަކުގެ ސަބަބުން އެސްޓްންވިލާގެ ކޯޗުގެ މަޤާމުގައި ހުރި ޑީން ސްމިތު އެ މަޤާމުން ވަކިކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އެ ޓީމް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެވެ.
އެސްޓަން ވިލާއިން ޖެރާޑަށް ދީފައި ވަނީ ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެކެވެ. ވުމާއެކު އޭނާ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޓީމަށް އިރުޝާދު ދޭނެއެވެ.
އެސްޓްން ވިލާގެ ކޯޗުގެ މަޤާމާއި ހަވާލުވުމަށް ފަހު ޖެރާޑް ބުނެފައި ވަނީ އެސްޓަން ވިލާއާއި އޭނާ ހަވާލުވެފައި ވަނީ އެ ޓީމްގެ މަނޭޖްމެންޓް ބޭނުންވާ ފަދަ ކުރިއެރުންތަކެއް އެ ޓީމަށް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން ކަމަށެވެ.
ލިވަޕޫލުގައި ދިގު ކާމިޔާބު ކެރިއާއެއް ހޭދަކުރުމަށް ފަހު އޭނާ ފުޓްބޯޅް ކުޅުން ހުއްޓާލާފައި ވަނީ 2016 ވަނަ އަހަރުއެވެ. އެއަށް ފަހު ލިވަޕޫލުގެ ޔޫތު ޓީމަށް އޭނާ ވަނީ އިރުޝާދު ދީފައެވެ. އެއަށްފަހު ސްކޮޓްލެނޑްގެ ރޭންޖާރސްގެ ކޯޗުކަމާއި އޭނާ ހަވާލުވެފައި ވަނީ 2018 ވަނަ އަހަރުއެވެ. ރޭންޖާރސްއާއިއެކު ކާމިޔާބު މަސައްކަތްތަކެއް އޭނާވަނީ ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ކޮށްފައެވެ. އެންމެ ފާހަގަ ކޮށްލެވެނީ ނިމިދިޔަ ސީޒަންގެ ސްކޮޓިޝް ޕްރިމިއާ ލީގު ޖެރާޑްގެ ކޯޗުކަމުގެ ދަށުން އެއްވެސް މެޗަކުން ބަލިނުވެ ރޭންޖާރސް ކާމިޔާބުކުރި ކުރުމެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް ވިލާއިން 11 މެޗު ކުޅެފައިވާއިރު އެ ޓީމް މިވަގުތު އޮތީ 10 ޕޮއިންޓާއިއެކު ތާވަލުގެ 16 ވަނާގައެވެ. ވިލާގެ ކޯޗުކަމާއި ހަވާލުވެ ޖެރާޑް އިރުޝާދުދޭ ފުރަތަމަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު އެ ޓީމް ނުކުންނާނީ ބްރައިޓަންއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!