ރާއްޖޭގައި މި އަހަރުގެ މިހާތަނަށް އާ 19 ރިސޯޓް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށި "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019" ގައި ވާހަކަ ދައްކަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ހުޅުވައިފައިވާ ކަމަށާއި 20 ވަނަ ރިސޯޓް އައްޑޫގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންކަމަށެވެ.

Ad
rt

"އަޅުގަނޑުމެން ވައުދުވީ ފުރަތަމަ އަހަރު 20 ރިސޯޓް ހުޅުވަން. މީގެ ދެ ރޭ ކުރިން 19 ވަނަ ރިސޯޓް ހުޅުވިއްޖެ. ވިހި ވަނަ ރިސޯޓް އިރާދަކުރެއްވިޔާ އައްޑޫގައި ހުޅުވިގެންދާނެ،"

އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ 35،000 އެނދުގެ ތެރެއިން 4،000 އެނދު މިހާރު ގެނެވިއްޖެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި މިވަގުތު އޮޕަރޭޓް ކުރަމުންދަނީ ޝަންގްރިއްލާ ވިލިނގި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އަދި ކެނެރީފް ރިސޯޓް މޯލްޑިވްސް އެވެ. މީގެ އިތުރުން، އީކުއޭޓާ ވިލެޖްގެނަމުގައި ގަމުގައި ދަނީ ސިޓީ ހޮޓަލެއް ވެސް ހިންގަމުންނެވެ.

ދެން އެންމެ އަވަހަށް އައްޑޫގައި ހުޅުވިގެންދާނެ ރިސޯޓަކީ މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރާގައި ތަރައްގީކުރަމުން އަންނަ ސައުތު ޕާމް މޯލްޑިވްސް ރިސޯޓެވެ.