މޫސުމަށް އަންނަ ބަދަލުތަކަށް ދިވެހިރާއްޖެ ހޭނުވުމަށާއި، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން (ޖީ.ސީ.އޭ.) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަލްފާޟިލާ އާމިނަތު ޝައުނާ އެވެ. ޖީ.ސީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕެޓްރިކް ވާރކޫއިޖެން އެވެ. އިނގިރޭސި ވިލާތުގެ ގްލާސްޕޯގައި މިހާރު ހިނގުމުންދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 26 ވަނަ ބައްދަލުވުން (ކޮޕް26) ޖަލްސާގެ ހަވާސާގައެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޔޫ.އެސް.ޑޮލަރު ގެ މަޝްރޫޢުތަކެއް އެކުލަވާލުމަށް ޖީ.ސީ.އޭ. މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ރޭވިފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަން، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހާމަކޮށްފައިވެއެވެ.

"އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލް ޑިޓަރމިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީވުން ވެސް ހިމެނޭ"

މިނިސްޓްރީ އޮފް އެންވަޔަރަން، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ބުނެފައިވެއެވެ.

މީގެ އިތުރުން މިއެއްބަސްވުމުގެ ދަށުން ޖީ.ސީ.އޭ. އިން ރާއްޖެއަށް އެހީފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި، ފެނުގެ ވަސީލަތްތަކަށާއި، ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މި ކަންކަމަށް ބޭނުންވާ މާލީ އެހީ ހޯދުން ހިމެނެއެވެ.

ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަން އަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސް ގެ ރޮޓަރޑޭމްގައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާއަތެކެވެ.