ބ. ހިތާދޫއާއި ރ. ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ.

Ad
rt

ހިތާދޫ ބަދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 14،929.60 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، ގްރޮއިން ޖެހުމާއި، ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، ފަސް މޫރިން ބޮއި ހަރުކުރުމާއި، އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ބްރިޖެއް އިމާރާތް ކުރުމާއި 1.5 މީޓަރު 75 މީޓަރުގެ ކޮންކްރީޓް ޕްލެޓްފޯމެއް ގާއިމު ކުރުމާއި، 10 މީޓަރު 9 މީޓަރުގެ ރޭމްޕެއް ހެދުމާއި، 18 މަގުބައްތި ހަރުކުރުމާއި، 1،750 އަކަ މީޓަރުގެ ޕޭމަންޓު ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 17.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 15،252 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައި ފުން ކުރުމުގެ މަސައްކަތާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، ގްރޮއިން ޖެހުމާއި، ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، ރިވެޓްމެންޓު ޖެހުމާއި، 186 މީޓަރު ސްކޯރުން އެޕްރޮން ޖެހުމާއި ނެވިގޭޝަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ކާބް ޖެހުމާއި، އެއްގަމު ތޮށި ލުމާއި 10 މީރުން ބޮއި ހަރުކުރުމާއި 10 މީޓަރު 9 މީޓަރުގެ ރޭމްޕެއް ހެދުމާއި 18 މަގުބައްތި ހަރުކުރުމާއި 1،663.36 އަކަ މީޓަރުގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 45.124 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.