އާސެނަލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ސީނިއާ ޓީމަށް ނަގައިފިއެވެ.

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑް މި މަހު ސަންމަރީނޯއާއި އަލްބޭނިއާއާއި ބައްދަލުކުރާ މެޗުތަކަށް ސްމިތް ރޯވް އިންގްލެންޑް ސްކޮޑަށް ނަގާފައި މި ވަނީ އޭނާ އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

Ad
rt

އާސެނަލްގެ ޔޫތު ޓީމުން ކެރިއަރު ފެށި ސްމިތު ރޯވް ވަނީ އިންގްލެންޑްގެ އެކި އުމުރުފުރާތަކުގެ ޤައުމީ ޓީމްގެ ސްކޮޑުގައި ހިމެނިގެން މެޗުތައް ކުޅެފައެވެ. އާސެނަލްގެ ސީނިއާ ޓީމްގައި ހިމެނި މެޗުތައް ކުޅުމުގެ ކުރިން އޭނާ ވަނީ ތަޖުރިބާ ހޯދުމުގެ ގޮތުން ޖަރުމަނުގެ އާރުބީ ލައިޕްޒީގްއާއި އިންގްލެންޑްގެ ހަޑްލްސްފީލްޑަށް ވެސް ކުޅެފައެވެ.

މި ސީޒަންގައި އާސެނަލްގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިހާތަނަށް ކުޅެދިން 13 މެޗުގައި އޭނާ ވަނީ 5 ގޯލުޖަހައި 2 ގޯލު ޖެހުމަށް އެސިސްޓް ކޮށްދީފައެވެ.

އިންގްލެންޑްގެ ޤައުމީ ޓީމަށް މެންޗެސްޓާގެ ދެ ކުޅުންތެރިންކަމަށްވާ ރަސްފޯޑްއާއި ލުކާ ޝޯ ނެގި ނަމަވެސް އެ ދެކުޅުންތެރިން އަދި ޓީމާއި ގުޅިފައިނުވެއެވެ. ރަސްފޯޑް އިންޖަރީގައި ހުރުމަށް ފަހު ދާދިފަހުން ކުޅުމުގެ ތެރެއަށް އައިސްފައިވާއިރު، މިވަގުތު އޭނާ އަންނަނީ ފިޓްނަސް ރަނގަޅު ކުރުމަށް އިތުރު މަސައްކަތް ކުރަމުންނެވެ. ލުކާ ޝޯ އަށް އަނިޔާވެފައި ވަނީ މިދިޔަ ވީކްއެންޑްގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގައެވެ. އެ އަނިޔާއަށް މިހާރު އޭނާ އަންނަނީ ފަރުވާ ހޯދަމުންނެވެ.

ޗެލަސީގެ މޭސަން މައުންޓް ވެސް ޓީމްގައި ހިމަނާފައި ވީ ނަމަވެސް އޭނާ މިވަގުތު ދަތުގެ ފަރުވާއެއް ކުރަމުން އަންނާތީ އަދި މިހާތަނަށް ޓީމާއި ގުޅިފައިނުވެއެވެ.