ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު ރެއާލް އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތީ 12 މެޗުން 25 ޕޮއިންޓް ލިބިގެން ރެއާލް ސޮސިއެޑާޑްއެވެ. ރެއާލް އަތުން ބަލިވި ވަޔެކާނޯ މިވަގުތު އޮތީ 13 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު ތާވަލުގެ ހަވަނާގައެވެ.

Ad
rt

މެޗު ފަށައިގެން ރެއާލުން ކައިރި ކައިރީގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައި ވަނީ 14 ވަނަ މިނެޓުގައި ޓޯނީ ކްރޫސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހުމަށް އެސެންސިއޯ އެސިސްޓް ކޮށްދިންއިރު، މި ފުރުޞަތު ތަނަވަސް ކުރުމުގައި ވިނީސިއަސް އަށް ބޯޅަ ލިބުންއިރު އޮފްސައިޑްގައި ހުރިކަމަށް ބަލައި، ރެފްރީ މި ލަނޑު ފުރަތަމަ އޮފްސައިޑް ލަނޑެއް ކަމަށް ނިންމި ނަމަވެސް، ވީއޭއާރުން ބެލުމަށް ފަހު އެއީ ރަނގަޅު ލަނޑެއް ކަމަށް ރެފްރީ ވަނީ ނިންމާފައެވެ.

ރެއާލުން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އަލާބާ ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. މިއީ މި ސީޒަންގެ ލީގުގައި ބެންޒެމާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މެޗުގައި ވަޔެކާނޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފަލްކާއޯއެވެ. މި ލަނޑު ފަލްކާއޯ ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ގާސިއާ ރެއާލްގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލަނޑު ޖެހިތާ ހަ މިނެޓް ފަހުން އުކުޅުވަޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފަލްކާއޯ ވަނީ ބަދަލު ކޮށްފައެވެ.