ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ހިދުމަތްދޭން ފަށައިފިއެވެ.
މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ އާއި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ރ. އަތޮޅު ކޮމާންޑަރާއި ރަށު ކައުންސިލާއި އެހެނިހެން މުއައްސަސާތަކާ އަދި ރަށުގެ ރައްޔިތުންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށްވެސް ބަދަލުތަކެއް އަންނަމުންދާ ކަމާއި ހާއްސަކޮށް މަސްތުވާތަކެއްޗާއި އެ ތަކެތީގެ ނަތީޖާއެއްގެ ގޮތުން ދެން އުފެދިގެންދާ އެހެނިހެން ކަންކަން ފެތުރިގެން ދިއުން އެއީ މިއަދު އެންމެންނަށްވެސް އެންމެ ތަކުލީފު ބޮޑުވެފައިވާ ކަންތައްކަމުގަ އެވެ. އަދި ރަށްރަށުގައި ފުލުހުން ގާއިމުކުރުން އެއީ އެފަދަ ކަންކަމުން އަރައިގަތުމަށް ރައްޔިތުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.
"ރަށުގައި ހިންގާ ކުށްތަކާއި ރަށަށް ތައާރަފުވުމުގެ ފުރުސަތު އޮތް ކުށްތަކާއި އެ ކުށްތަކާ ގުޅޭ ކަންބޮޑުވުމާއި ބިރުވެރިކަމުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ރަށުގައި ފުލުހުން ގާއިމުވެ ތިބުން ވަރަށް މުހިންމު، އަދި ޕޮލިސް ޕޯސްޓެއް ރަށުގައި ގާއިމު ވެފައިހުރުމުން، ރަށުގައި ހިންގާ ކުށުގެ އަމަލުތަކަށް ފާރަވެރިވެ އެ ކުށްތައް ހުއްޓުވުމަށް، އަތޮޅުގައި ގާއިމުވެފައިވާ ފުލުހުންގެ ޓީމުތަކާއެކު މަސައްކަތްކުރުމާއި ރައްޔިތުންނާއެކު ގާއިމުކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލުކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްކުރެވިގެންދާނެ"
އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.
އަދި ފުލުހުން ތިބުމުން، ރަށުގެ އިޖުތިމާއި އަދި އިގުތިސޯދީ ތަރައްގީއަށް ރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.
Minister of Home Affairs @ShimranAb and Commissioner of Police @M_Hameedh concludes the four-day official trip to northern atolls after the inauguration of Police Post in R. Hulhudhuffaaru. pic.twitter.com/92QfZaNe15
— Maldives Police (@PoliceMv) November 6, 2021
މިރަސްމިއްޔާތު ފެށުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އެއްގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލްމަރުހޫމް އިސްމާޢީލް ނަދީމްގެ ހަނދާނުގައި އެއް މިނެޓުގެ ހަމަހިމޭން ވަގުތުކޮޅެއް ގެނެސްފައިވެއެވެ.
ހުޅުދުއްފާރު ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓު ބައްލަވައިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!