އިއުލާން ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރީ ތިންމަގާމުގައި މިހާރު ތިއްބެވި ތިން ބޭފުޅަކު، އިތުރު ދައުރަކަށް އެ މަގާމުތަކުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށް އައްޔަންކޮށްފި އެވެ.
މިއަދު މީހުން އައްޔަންކޮށްފައި ވަނީ މަޖިލީހުގެ އަމީން ޢާއްމުގެ މަޤާމަށާއި ކައުންސެލް ޖެނެރަލްގެ މަޤާމަށާއި ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް އައްޔަންކުރެއްވީ އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއެވެ. ކައުންސެލް ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވީ އަލްއުސްތާޛާ ފާތިމަތު ފިލްޒާއެވެ. އަދި ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށް އައްޔަން ކުރެއްވީ އަލްފާޟިލް މުޙައްމަދު ހަލީމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ އެންމެ ފުރަތަމަ ޢައްޔަންކުރެއްވީ 9 ޖުލައި 2018 ގައެވެ. އޭގެ ކުރިން 6 އަހަރު ވަންދެން ނިޔުޝާ އަމީން ޢާންމުގެ ނައިބުގެ މަޤާމު އަދާކުރައްވާފައިވެއެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެގުމަށް ފަހު، ދެން މަޖިލިހުގައި އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ އަމީން އާންމެވެ.
އަމީން އާންމާއި ކައުންސެލް ޖެނެރަލާއި ސާޖެންޓް އެޓް އާމްސްގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
އަލަށް އެކުވަލާލި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 16 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ އަލަށް އިންތިހާބުވާ ކޮންމެ މަޖިލީހެއްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސް ގެ މަގާމަށް ބޭފުޅުން އަލުން އައްޔަން ކުރަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!