ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން މީހާއަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުން މި މައްސަލައިގައި ދައުވާކޮށްފައި ވަނީ ހ. ލައިޓްނައިޓް، އުމުރުން 40 އަހަރުގެ އިސްމާއީލް ޔާފިސްގެ މައްޗަށެވެ. ޕީޖީ އޮފީހުން އޭނާގެ މައްޗަށް ދައުކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދުއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ބައިއަތުހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޔާފިސް ޝާއިއުކޮށްފައިވާ ކަމަށެވެ.
އަދި 2020 ވަނަ އަހަރުން ފެށެގެން އޭނާ ބޭނުންކުރަމުންދިޔަ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފަ ވެއެވެ.
މި މައްސަލާގައި ދައުލަތުން ޔާފިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލާގައި ޔާސިފް ހައްޔަރު ކުރީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރ. މީދޫންނެވެ. އޭނާ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ކަނޑައެޅުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި 15 ދުވަހަށް ޖަލަށް ލާން ހުކުމެއް އެ ކޯޓުން އޭނާގެ މައްޗަށް ކުރިއެވެ. އަދި ހައްޔަރުކުރި މައްސަލާގައި 15 ދުވަހަށް ބަންދުކުރިއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޯޓަށް ހާޒިރުކުރުމުން ވެސް، އޭނާގެ އިންޒާރު ތަކުރާރުކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމާ އޭނާގެ މައްޗަށް އެއް މަހުގެ ޖަލު ހުކުމެއް އިއްވިއެވެ. މިއީ ކޯޓު ހުރުމަތް ކަނޑާލުމުގެ ދެވަނަ ހުކުމެވެ. މި ޖަލު ހުކުމް އިއްވުމުން ވެސް އޭނާ ވަނީ އިންޒާރު ތަކުރާރުކޮށް، ރައީސް ނަޝީދު މަރާލާނެ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!