ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އަގުއެރޯ ތިންމަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކޮށް 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވި މެޗުގެ 39 ވަނަ މިނެޓުގައި އަގުއެރޯގެ މެއަށް އުނދަގުލެއް ވެގެން ދަނޑުމަތީ ހަތަރުވަރަކަށް މިނެޓު ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައެވެ.
މިކަމާއި ގުޅިގެން ބާސެލޯނާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އަގުއެރޯއަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ ކުރިއަށް އޮތް ތިންމަސް ދުވަހު އޭނާގެ ހާލަތު އިތުރަށް ބެލުމަށް ފަހުގައި ކަމަށެވެ.
އުމުރުން 33 އަހަރުގެ އަގުއެރޯ މެންޗެސްޓާ ސިޓީން ބާސެލޯނާއަށް ބަދަލުވެފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި 2 އަހަރުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އަގުއެރޯ މެންޗެސްޓާ ސިޓީއަށް 10 އަހަރު ކުޅެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
ބާސެލޯނާއަށް ބަދަލުވުމަށް ފަހު ޕްރީ ސީޒަންތެރޭ އޭނާއަށް އަނިޔާވުމުގެ ސަބަބުން ވެސް ދެމަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އަގުއެރޯ އެނބުރި ކުޅުމުގެ ތެރެއަށް އައިސް ބާސެލޯނާއަށް ފުރަތަމަ މެޗެއް ކުޅެދީފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ ވެލެންސިއާ އާއި ބައްދަލުކޮށް ބާސާ 3-1 އިން މޮޅުވި މެޗުގައެވެ.
އަގުއެރޯ މިހާތަނަށް ބާސާއަށް ކާމިޔާބު ކޮށްދީފައިވަނީ އެންމެ ލަނޑެކެވެ. އެއީ އޮކްޓޯބަރ 24 ވަނަ ދުވަހު ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި އެލްކުލެސިކޯ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުމެ ރެއާލް ކޮޅަށް ވައްދާލި ލަނޑެވެ. އަލަވޭސްއާއި ދެކޮޅަށް ކުޅުނު މެޗުގައި އަގުއެރޯ މެޔަށް ތަދެއްވެގެން ބަދަލުކުރި އިރު، އެއީ ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގުގައި އަގުއެރޯ ކުޅުން ފުރަތަމަ މެޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!