މާ ކަނޑުގައި މިޔަރުގެ އެކި ބާވަތްތައް ދިރިއުޅޭއިރު، ބައެއް ބާވަތްތަކުގެ މިޔަރަކީ އިންސާނުންގެ ގައިގާ ދަތްއަޅާ ނުވަތަ އިންސާނުންނަށް ހަމަލާދޭ މިޔަރެވެ.

އެ ބާވަތްތަކުގެ މިޔަރުގެ ތެރެއިން އިންސާނުންނަށް އެންމެ ގިނައިން ހަމަލާދެނީ "ގްރޭޓް ވައިޓް ޝާކް" ކަމުގައި ދިރާސާކުރާ މީހުން ބުނެއެވެ. "ގްރޭޓް ވައިޓް ޝާކް"އަށް ދިވެހިން ކިޔާނަން ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެންމެ ގިނަ މީހުން ބުރަވާގޮތުގައި އެއީ ވޮށި މަސް މިޔަރެވެ. ބައެއް މީހުން އެއީ އޮއިވާލި މިޔަރުކަމަށް ވެސް ބުނެތެވެ.

Ad
rt

މިތާގައި މިގެނެސްދެނީ "ގްރޭޓް ވައިޓް ޝާކް" އިންސާނުންގެ ގައިގާ ދަތްއެޅުމާއި ނުވަތަ ހަމަލާ ދިނުމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީގެ ސައިންޓިސްޓްއެއްކަމަށްވާ ޑރ. ލައުރާ ރަޔާން އާއި އެ ޔުނިވާސިޓީގެ އެހެން ސައިންސްވެރިން ހަދާފައިވާ ދިރާސާއެއްގެ ހޯދުންތަކުގެ ވާހަައެކެވެ.

އޮސްޓްރޭލިއާގެ ސައިންޓިސްޓުން ހަދާފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި "ގްރޭޓް ވައިޓް ޝާކް"ގެ ފަރާތުން އިންސާނުންނަށް ލިބޭ އަނިޔާތަކަކީ އޭތި ގަސްތުގައި ދޭ އަނިޔާއެއް ނޫންކަމަށް ދައްކައެވެ. އަދި މި ބާވަތުގެ މިޔަރަކީ އިންސާނުންނަށް ނުރައްކާ ބާވަތެއްގެ މިޔަރެއް ނޫންކަމަށްވެސް ސައިންޓިސްޓުން ހާމަކޮށްފައިވެއެވެ.

އިންސާނުންނަށް ކުލަތައް ފެންނަ ގޮތާއި ހިލާފަށް މިބާވަތުގެ މިޔަރަށް ކުލަތައް ފެންނަ ގޮތް ތަފާތެވެ. "ކަލާ ބްލައިންޑް" މީހުން އުޅޭ ގޮތަށް މީގެން ދޭހަވާ ކަމަކީ ޖަނަވާރުންގެ ތެރޭގައިވެސް ކުލަ ވަކި ކުރަން ނޭންގޭ އެއްޗެހި އުޅޭކަމެވެ. މީގެ ސަބަބުން މިޔަރުތައް ކާން ބޭނުންވާ މަސްތަކާއި ޑައިވް ކުރާ މީހުންނާއި ފަތާ މީހުންގެ އިތުރުން ރާޅާ އަޅާ މީހުންގެ ތަފާތު އެއަށް ދެނެނުގަނެވޭކަމަށް އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީގެ ސައިންޓިސްޓްއެއްކަމަށްވާ ޑރ. ލައުރާ ރަޔާން ހަދާފައިވާ ދިރާސާގައި އޭނާ ހާމަކޮށްފައިވެއެވެ.

އެގޮތުން ޑރ. ލައުރާއާއި ޔުނިވާސިޓީގެ އެހެން ސައިންޓިސްޓުން ވަނީ މިބާވަތުގެ މިޔަރު ދިރިއުޅޭ ސަރަޚައްދުތަކުގައި ހަރަކާތްތެރިވާ ރާޅާ އަޅާ މީހުންނާއި، ފަތާ މީހުންގެ ހަރަކާތްތަކުގެ ވީޑިއޯތަކެއް ނަގާފައެވެ. އެމީހުން ވީޑިއޯ ނަގާފައިވަނީ ފެނުގެ އަޑިން މިބާވަތުގެ މިޔަރަށް ރާޅާ އަޅާ މީހާއާއި ފަތާ މީހާ ފެންނަ ގޮތް ދެނެގަތުމަށެވެ.

އެމީހުން ނެގި ވީޑިއޯތައް ބަލައި ހޯދުނު ކަންތައްތަކަށް ބަލާއިރު، މިބާވަތުގެ މިޔަރަށް އޭގެ ކާނާއާއި އިންސާނުން ވަކި ކުރަން ނޭންގޭކަން ދޭހަވާކަމަށް ބުނެފައިވެއެވެ. އަދި ކާނާ ހޯދުމަށް ކަނޑުގެ މަތީ ފަށަލައަށް ދަތުރުކޮށް ކާނާ ހޯދާއިރު ކުލަ ވަކި ކުރަން ނޭންގި މިޔަރު އިންސާނުންގެ ގައިގައި ދަތް އަޅަނީކަމަށް ބުނެފައިވެއެވެ.

އަދި މިބާވަތުގެ މިޔަރުތަކުގެ ޅަ އެއްޗެއްސަށް ކުލަ ފެނުމުގައި ބޮޑެތި އެއްޗިއްސަށްވުރެންވެސް ދަށްކަން ވަނީ ފާހަގަކޮށްފައެވެ. މިހެން ކަމުން ބޮޑެތި އެއްޗިއްސަށްވުރެ ގިނައިން މިބާވަތުގެ ޅަ މިޔަރުތަކުގެ ފުށުން އިންސާނުންނަށް ގެއްލުންތައް ލިބޭކަމަށާއި މިބާވަތުގެ މިޔަރުތަކުގެ ލޯ ބޮޑުވާނީ އޭތީގެ ހަށިގަނޑު ހެދި ބޮޑުވާ މިންވަރަކުންކަމަށްވެސް ޑރ. ލައުރާގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން ފަތަން ދާ މީހުންނަށްވުރެ ގިނައިން ރާޅާ އަޅާ މީހުންނަށް މިބާވަތުގެ ޅަ މިޔަރުގެ ފަރާތުން އަނިޔާ ލިބިފައިވާކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައިވެއެވެ.