އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނިއުކާސަލް ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެ، މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ ބަލިވެއްޖެއެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ޗެލްސީން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ރީސް ޖޭމްސް ކާމިޔާބު ކޮށްދިންއިރު، 77 ވަނަ މިނެޓުގައި ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ޖޭމްސްއެވެ. ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޖޯޖީނިއޯއެވެ.

Ad
rt

ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ބްރައިޓަންއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ހެންޑަސަންއެވެ. ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ޗެމްބަލިން ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާނޭއެވެ. މެޗުގެ ކުރީކޮޅު ލިވަޕޫލުން ދެ ލަނޑު ކާމިޔާބު ކުރުމުން، ފަސޭހަކަމާއިއެކު ލިވަޕޫލުން މެޗު ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ.

މި ލަނޑު 41 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ނޮކް ވެފޫއެވެ. އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޓްރޮސާޑެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން އެ ޓީމް ބަލިވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަވަނަ މިނެޓުގައި ޕެލަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޒަހާއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޕެލަސްގެ ޒަހާއަށް ސިޓީގެ ޑިފެންޑަރ ލަޕޯޓޭ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. މެޗުގެ ދެވަނަ ހާފު ސިޓީން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޕެލަސްއިން މި މެޗުގައި ލީޑު ފުޅާކޮށްފައި ވަނީ 88 ވަނަ މިނެޓުގައި ގެލެގާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާތަކާއިއެކު އެންމެ ބޮޑު ފައިދާއެއް ކޮށްފައި ވަނީ ޗެލްސީއަށެވެ. ލިވަޕޫލް އެއްވަރުވުމާއެކު ޗެލްސީއަށް ވަނީ ޕޮއިންޓް ތާވަލުގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ޗެލްސީއަށް 10 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލަށް 10 މެޗުން ލިބިފައި ވަނީ 22 ޕޮއިންޓެވެ. ސިޓީ މިވަގުތު އޮތީ 10 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު ތާވަލުގެ ތިންވަނާގައެވެ.