ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗުން ހަނިގޮތަކަށް ބާސެލޯނާ ބަލިވުމާއި ގުޅިގެން އެ ޓީމްގެ ކޯޗުގެ މަޤާމުގައި ހުރި ކޫމަން އެ މަޤާމުން ވަކިކޮށްފިއެވެ. ވަޔެކާނޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ބާސާގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާ ލީގުގައި މިހާތަނަށް 10 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައި ވަނީ 15 ޕޮއިންޓެވެ. މިވަގުތު ބާސެލޯނާ އޮތީ އެއްވަނާގައި އޮތް ރެއާލަށްވުރެ ހަ ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ނުވަވަނާގައެވެ. ބާސެލޯނާއިން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފައިވާއިރު، އެ ޓީމް ވަނީ މިފަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުތަކުގެ ތެރެއިން ދެ މެޗުން ވެސް ބަލިވެފައެވެ.

Ad
rt

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވަޔެކާނޯއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޑަމެލް ފަލްކާއޯއެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރަން ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ މެމްފިސް ޑިޕާއި ފޮނުވާލި ޕެނަލްޓީ ވަޔެކާނޯގެ ގޯލްކީޕަރު ވަނީ ހުއްޓުވާފައެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ވެސް ފަހަކަށް އައިސް ބާސާގެ ނަތީޖާތައް ދައްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗުގެ މަޤާމުގައި ހުރި ކޫމަންއަށް ވަނީ ޕްރެޝަރ ބޮޑުވެފައެވެ. ރޭގެ މެޗުން ވަޔެކާނޯއަތުން ބަލިވުމާއިއެކު އެ ކުލަބްގެ ބޯޑު މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު ވަނީ ކޫމަން ވަކިކުރަން ނިންމާފައެވެ. އުމުރުން 58 އަހަރުގެ ކޫމަން ބާސާގެ ކޯޗުކަމާއި ހަވާލުވީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ބާސެލޯނާއާއި ދެން ހަވާލުވާނެ ކޯޗެއް ރަސްމީކޮށް އެ ޓީމުން މިހާތަނަށް އިޢުލާން ކޮށްފައިނުވާއިރު ރިޕޯޓްތައް ބުނާގޮތުން ބާސާއިން ދެން އެ ޓީމް ހަވާލުކުރާނީ ގަތަރުގެ އަލް ސާދަށް މިވަގުތު އިރުޝާދު ދެމުން އަންނަ ބާސާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޒަވީއާއެވެ.