ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގައި އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައެވެ. ރެއާލަށް 10 މެޗުން 21 ޕޮއިންޓް ލިބިގެން އެއްވަނާގައި އޮތްއިރު، ދެވަނާގައި 10 މެޗުން 21 ޕޮއިންޓް ހޯދައިގެން އޮތީ ސެވިއްޔާއެވެ. ތިންވަނާގައި 11 މެޗުން 21 ޕޮއިންޓް ލިބިގެން ރެއާލް ބެޓިސް އޮތްއިރު، ހަތަރުވަނާގައި 10 މެޗުން 21 ޕޮއިންޓް ލިބިގެން އޮތީ ރެއާލް ސޮސިއެޑާޑެވެ.
މުޅި މެޗު ރެއާލުން ޑޮމިނޭޓް ކުރި ނަމަވެސް އޮސަސޫނާއިން ވަނީ ރެއާލް ހުއްޓުވުމުގައި ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅެފައެވެ. މެޗުގައި އޮސަސޫނާއަށް ލަނޑުޖަހާނެ ރަނގަޅު އެއް ފުރުޞަތު ލިބުނު އިރު ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްވީ ބޯޅަ އެ ޓީމްގެ ޖޯން މޮންކަޔޯލާ ހުހަށްހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވެފައި ވަނީ ރެއާލްގެ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި އޮސަސޫނާގެ އެރިއާގެ ތެރޭގައި ހުރެ ބެންޒެމާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އޮސަސޫނާގެ ކީޕަރު ގޯލުން ބޭރަށް ނުކުމެފައި ހުރި ދަނޑިވަޅުބަލައި ކަސެމީރޯ އަމިއްލަ ހާފުގައި ހުރެ ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ގޯޅުގެ ދަނޑި ކައިރިން ބޭރަށެވެ.
މިއީ 2005 ވަނަ އަހަރުގެ ފަހުން އޮސަސޫނާއަށް ރެއާލްގެ ދަނޑުގައި ޕޮއިންޓެއް ހޯދުނު ފުރަތަމަ ފަހަރެވެ. ފާއިތުވި މުއްދަތުގައި ރެއާލުން އަމިއްލަ ދަނޑުގައި އޮސަސޫނާއާއި ބައްދަލުކުރި އެގާރަ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!